ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޒަންގައި ރޭ އެމްއެސް ހެލްޕިން ހޭޑް އަތުން 60 ޕޮއިންޓު 54 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ކުލަބް އީގަލްސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އީގަލްސްގެ އިބްރާހިމް ނަސީމެވެ. އޭނަ ވަނީ ރޭގެ މެޗުގައި 21 ޕޮއިންޓު ހޯދައިދީފަ އެވެ.

ޖުމްލަ ހަތް ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެން ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އެގޮތުން އީގަލްސް ސެމީއިން ޖާގަ ހޯދީ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ޕޮލިސް ކްލަބެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އީގަލްސް ނިކުންނާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ޑީ ބާސްކެޓް ކުލަބާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00ގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕޮލިހާ ދެކޮޅަށް ނިކުންނަ ޓީމެއް ކަށަވަރު ވާނީ ގްރޫޕް ދޭއްގެ ފަހު މެޗުގައި މިރޭ 9:00ގައި ޔޫތް ސްޕޯޓްސް އާއި ދަ ބައުސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެވެ. ސެމީގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 9:00ގަ އެވެ.

މުބާރަތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގަ އެވެ.