20 May 2013, 14:19
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުމަށް ލިބޭނެ އިތުރު ބޮޅެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރުގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު "ސަން" އަށް ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ މުހިންމު އަދި އެންމެ ކުރިއަރަމުން އަންނަ މާކެޓް ކަމަށްވާއިރު އެގައުމަށް ގައުމީ އެއާލައިންގެ ދަތުރުތައް ފެށުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރަށް ވުރެ އިތުރުކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މާކެޓެއް ފުޅާ ކުރުމުގައި ކަނެކްޓިވިޓީ އަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުކުރެވޭނެ،" މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ރާއްޖޭގެ އެއާލައިނެއް ސީދާ ދަތުރުތައް ޗައިނާއަށް ކުރުމަކީ އޮފް ސީޒަންތަކުގައި ވެސް ޗައިނާއިން ޓޫރިސްޓުން ރާއްޖެ ގެނެސް ޓޫރިޒަމް އެއްވަރަރެއްގައި ހިފެހެއްޓުމަށް ލިބޭނެ ރަގަޅު ފުރުސަތެއް ކަމަށެވެ.
މޯލްޑިވިއަން އިން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޗައިނާއަށް ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރުމަށެވެ.
ގައުމީ އެއާލައިންގެ ދަތުރުތައް ޗައިނާއަށް ފަށާއިރު އެ ގައުމަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިދިޔަ މަހު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އަދި އެ ގައުމުން މިދިޔަ މަހު ރާއްޖެއަށް ވަނީ 20329 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.