މޯލްޑިވިއަންއިން ޗައިނާގެ ޗެންޑޫއަށް ދަތުރުތައް ފެށުމަށް ޗެންޑޫގެ ޓްރެވަލް އެޖެންޓަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެއަށް ޓޫރިސްޓުން ގެންނަން ދަތުރުތައް އަންނަ މަހުގެ 23ގައި ފަށަން މޯލްޑިވިއަންއިން އެއްބަސްވުމެއްގައި ސޮއިކުރީ ޗެންޑޫ ޔުނިވާސަލް އިންޓަނޭޝަނަލް ޓްރެވަލް ސާވިސް ކޮމްޕެނީ ލިމިޓެޑާއެކު އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަބްދުލް ހާރިސް އެވެ. އަދި ޗެންޑޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރެޒިޑެންޓް ގޯ ހުއި އެވެ.

އިންޑިޔާ އާއި ބަންގްލާދޭޝްއަށް ވެސް މިހާރު ދަތުރުކުރާ މޯލްޑިވިއަންއިން ޗައިނާ އިހުތިޔާރު ކުރުމާ ބެހޭގޮތުން ހާރިސް ވިދާޅުވީ އެ އެއާލައިން މިހާރު ވަނީ ފަތުރުވެރި ކަމުގެ މާކެޓަށް ހުޅުވާލެވިފައި ކަމަށާއި އިންޑިޔާއާއި ޗައިނާ ފަދަ ޓޫރިޒަމްގެ ވިޔަފާރި ފުޅާ ކުރެވެން ހުރި ތަންތަން އެއް ފަރާތަކަށް ޖައްސާލެވެން ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެ މިހާރު ޓޫރިޒަމް މާކެޓަށް މޯލްޑިވިއަންއިން ވަދެގެން މަސައްކަތް މިކުރަނީ. އަޅުގަނޑުމެންނަށް ދިރާސާތަކުން އެނގުނު ގޮތުގައި ޗައިނާއާއި އިންޑިއާ އަކީ ޓޫރިޒަމްގައި އެންމެ ބޮޑަށް ކުރިއަރަމުންދާ ދެ ގައުމު. އެހެން ކަމުން އަޅުގަނޑުމެންނަށް މި ދެގައުމުގެ ވިޔަފާރި އެއްފަރާތް ކޮށްފައި ކުރިއަށްދާން އުނދަގޫވާނެ،" ހާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް އެންމެ ފުރަތަމަ ފަށާނީ ޗައިނާގެ ޗޮންޗިން ސިޓީއަށެވެ. އަދި މިއީ ރާއްޖޭގެ ކެރިއަރެއް އެ ސިޓީއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރު ކަމަށްވުމާއެކު ޗެންޑޫ އިންޓަނޭޝަނަލްއާއެކު އެބޭފުޅުންނާ އެކު އެއްބަސް ވުމަކަށް އައީ ރަނގަޅު މާކެޓް ސްޓަޑީއެއް ހެއްދެވުމަށްފަހު އެކަށީގެންވާ ރަނގަޅު މާލީ ފައިދާތަކެއް ކުރާނޭ ކަމަށް ދިރާސާތަކުން ދައްކާތީ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.

ޗެންޑޫ އިންޓަނޭޝަންލްއާއި މޯލްޑިވިއަންއާ ދެމެދު ވެވުނު އެއްބަސް ވުމުގެ ދަށުން މޯލްޑިވިއަންއިން އަދާކުރާނީ އޮޕަރޭޓިން ކެރިއަރެސްގެ ދައުރެވެ. އަދި ފްލައިޓުތައް މާކެޓު ކުރުމުގެ ހުރިހާ ރޯލެއް އަދާކުރާނީ ޗެންޑޫ އިންޓަނޭޝަނަލްއިންނެވެ.

ހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް އަލަށް ފަށާއިރު، ބިޒްންސް ކުލާސް 14 ސީޓް، އިކޮނިމީ ޕްރިމިއަން 18 ސީޓު އަދި އިކޮނޮމީ 120 ކުލާހާއެކު ހަފުތާއަކު ދެ ފްލައިޓް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޗެންޑޫ ޔުނިވާސަލް އިންޓަނޭޝަނަލް ޓްރެވަލް ސާވިސް ކޮމްޕެނީ ލިމިޓެޑްގެ ޕްރެޒިޑެންޓް ވިދާޅުވީ މޯލްޑިވިއަންއާ އެކު މިއަދު ވެވުނު އެއްބަސްވުމަކީ ރަނގަޅު މުސްތަގުބަލެއް އޮތް ވިޔަފާރިއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި އެ ވިޔަފާރި ރަނގަޅު ގޮތެއްގައި ކުރިއަށްދާ ނަމަ މޯލްޑިވިއަންގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ވެސް އެ ކުންފުނިން އެހީތެރިވެދޭނެ ކަމަށެވެ.