ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ހުރިހާ ވީޑިއޯ ފްޓޭޖްތަކާއި ޕޮލިސް ރިޕޯޓްތައް ދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ފުލުހުންނަށް އަންގައިފި އެވެ.


ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝަހިންދާ އިސްމާއީލް މިއަދު ވިދާޅުވީ  ރޭގެ މުޒާހަރާއާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކޮށްފައިވާތީ އެ މުޒާހަރާ ހިނގި ހުރިހާ ސަރަހައްދެއްގެ ވީޑިއޯ ތަކާއި އެކަމާ ގުޅިގެން ފުލުހުން ތައްޔާރުކުރާ ހުރިހާ ރިޕޯޓްތަކެއް ކޮމިޝަނަށް ގެނެސްދިނުމަށް މިއަދު ފުލުސް އޮފީހުގައި އެދިފައިވާނެ ކަމަށެވެ.


"ބައެއް ވީޑިއޯތައް އަޅުގަނޑުމެންނަށް ލިބިޖެއްވެސްމެ. އަޅުގަނޑުމެން އެދިފައިވާނީ ހުރިހާ ރިޕޯޓަކާއި ވީޑިއޯތައް ބޭނުން ކަމަށް،" ޝަހިންދާ ވިދާޅުވި އެވެ.


އޭނާ  ވިދާޅުވީ ރޭގެ މުޒާހަރާއާ ގުޅިގެނެ ވިޑިއޯތަކާއި ރިޕޯޓްތައް ހޯދަން އެދުނު ނަމަވެސް އެފަދަ ހުރިހާ މުޒާހަރާތަކެއްގެ ވީޑީއޯ މީގެ ކުރިން ވެސް ކޮމިޝަނުން ބަލައި ދިރާސާ ކޮށްފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ ފުލުހުން އަމަލު ކުރަންޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށާއި ރޭގެ މުޒާހަރާއާ ގުޅިގެން ހިނގާފައިވާ ހުރިހާ ކަމެއް ކޮމިޝަނުން ބަލާނެ ކަމަށެވެ.