20 May 2013, 13:48
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓާ (އީޑީސީ) އާއި ސެންޓަފޯ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) އެއްކޮށްލައިގެން އުފެއްދި ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހުޅުވައިދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު އެންއައިއީ އުފައްދާފައި ވަނީ މިދިޔަ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެންއައި އުފައްދާފައި ވަނީ އީޑިސީ އާއި ސީސީއީ އުވާލުމަށްފަހު އެވެ.
ރައީސް މިއަދު އެންއައިއީ ހުޅުވައިދެއްވުމާއެކު ވަނީ ޑިޕްލޮމާއެންޑް ޓީޗިންގެ ހައިލެވެލް އާ ކޯހެއް މާލެ އާއި ޅ. ނައިފަރު ސެންޓަރުގައި ފެށުމަށް ނިންމާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޑރ. ވަހީދު ވިދާޅުވީ ކޮމްޕިއުޓިންގެ ސްޕީޑް ކުރިއަރައިގެންދާއިރު އެއަށް ވެސް ހޭނެން ޖެހޭ ކަމަށާއި ރާއްޖެ މިއޮތީ 1970ގެ އަހަރު ތަކުގައި ނޫން ކަން ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގެ ތައުލީމީ ހާލަތު މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިޔުމަށްޓަކައި އާ ވިސްނުންތަކެއް ގެންގުޅެންޖެހޭ ކަން ރައީސް ވަހީދު ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގައި މިހާރު ވެސް ކިޔަވައިދެމުންގެންދާ އުސޫލުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައިނުވާ ކަން
ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަދިވެސް ރާއްޖޭގައި އޮތީ 19 ވަނަ ގަރުނުގެ މޮޑެލެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކިޔަވައިދިނުމުގެ އުސޫލުތައް ރޭވިފައި ހުރީ، ގިނަ ޢަދަދެއްގެ ކުދިންނަށް އެއްޗެތި ދަސްކޮށްދިނުމުގެ ވިސްނުމުގައި ނޫން ކަމަށާއި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ އެހީގައި ކުދިންނަށް ޢިލްމީ ޤާބިލުކަން ހޯދައިދިނުމުގެ ގޮތްތައް މިއަދު ރާވަންޖެހޭ ކަމަށެވެ.
އެންއައިއީ ހުޅުވުމަށް އިސްލާމިކް މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެންއައިއީގެ ދިދަ ރައީސް އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި އެންއައިއީގެ ފިލާ ވެސް ވަނީ ރައީސަށް އަރުވާފަ އެވެ.