މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން އަދިވެސް ބައެއް މީހުންގެ އަތުން ފައިސާގެ ގޮތުގައި ޑޮލަރު ނަގަމުން ގެންދާ ކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށް ބުނެ އެފަދަ ކަންތައް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް އިލްތިމާސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކަން ދާ މީހުންގެ އަތުން ބޭރު ފައިސާ ނުނެގުމަށް މީގެކުރިން ވެސް މިނިސްޓްރީން ޖަމާއަތްތަކަށް އަންގާފައިވާ ކަަމަށެވެ. ނަމަވެސް ނުސީދާކޮށް ނަމަވެސް އެފަދަ އަޑުތަކެއް ފެތުރެމުންދާ ކަމަށާއި އެފަދަ މައްސަލަތައް އެފަރާތްތަކުން ރިޕޯޓް ނުކުރާހާ ހިނދަކު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް އެކަމުގައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން ޑޮލަރުން ފައިސާ ނަގާކަން ކޮންމެ ވެސް ގޮތަކުން މިނިސްޓްރީއަށް މި އެނގެނީ، ނަމަވެސް އެކަންތައް ރަސްމީކޮށް ހުށަހަޅާފައެއް ނެތް، އަޅުގަނޑުމެންނަށް އެކަންތައް ބެލޭނީ އެފަދަ ކަމެއް ދިމާވެގެން އުޅޭ ފަރާތަކުން އެކަމެއް މިނިސްޓްރީއަށް ރަސްމީކޮށް ހުށަހެޅީފަ، ސާބިތު ހެކި ނެތި މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނެތް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.

މުހައްމަދު ދީދީ ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާ ޖަމާއަތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް މީހެއްގެ އަތުން ޑޮލަރުން ފައިސާ ނުނެގުމަށާއި 67،000 ރުފިއާއަށް ވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނުނެނގޭނެ ކަން މީގެ ދުވަސް ކޮޅެއް ކުރިން ހުރިހާ ޖަމާއަތްތަކަށް ލިޔުން އަންގާފައިވާނެ ކަމަށެވެ. އަދި އިތުރަށް ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި ވެސް އެފައިސާ ނެނގޭނީ މިނިސްޓްރީއަށް ހުށަހަޅައިގެން މިނިސްޓްރީން ހުއްދަ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ އަށް ކުންފުންނިތަކުގެ ތެރޭގައި ހިމެނެނީ މިނާ ހައްޖު އުމުރާ ޕުރައިވެޓް ލިމިޓެޑް އާއި ޔޫއެސް އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް ޕުރައިވެޓް ލިމިޓެޑް އާއި އަތަމާ ހައްޖު ގުރޫޕު ޕުރައިވެޓް ލިމިޓެޑާއި ޒައީ ގުރޫޕް ޕުރައިވެޓް ލިމިޓެޑް އާއި އަލަށް މީހުން ހައްޖަަށް މިއަހަރު ގެންދާ ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލް އުމުރާ ޕުރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕުރައިވެޓް ލިމިޓެޑްގެ އިތުރުން އަލް ބަޓްރޮސް އިންޓަނޭޝަނަލް ޕުރައިވެޓް ލިމިޓެޑް އެވެ.