20 May 2013, 13:30
މިދިޔަ ހުކުރު ދުވަހު ހަނދުން ފެނިގެންދިޔަ އައްޔަކީ ހަނދަށް ގިނިހިލައެއް ވެއްޓުމުގެ ސަބަބުން އުފެދުނު ގޮވުމެއް ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ހަނދުގައި ގޮވި ގޮވުމުގެ އަލިގަދަކަމުން، އެއަލި ހަމަލޮލަށް ފެންނާނެ ކަމަށް ނާސާއިން ބުނެ އެވެ. ނަމަވެސް، އެ އަލި ފެނިގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ނާސާއަށް މި ހާދިސާ ހިނގިކަން އެނގުނީ ދުނިޔެ ވަށަ އެނބުރެމުންދާ ސެޓެލައިޓް ޓެލެސްކޯޕްތަކުގެ އެހީގައި ނަގާފައިވާ ހަނދުގެ ވީޑިއޯތައް އެނަލައިޒްކުރަމުންދަނިކޮށް މިއަދު އެވެ.
ނާސާގެ އިސް ބޭފުޅެއް ކަމަށްވާ ބިލް ކުކް ވިދާޅުވީ ހަނދުގައި ގޮވި ގޮވުމުގެ އަލި ވަރަށް ގަދަ ކަމަށާއި، ހިނދުކޮޅެއް ވަންދެން އަލިގަދަ ތަރިއެއް ފަދައިން އެގޮވުން ދިއްލާލާފައި ހުރި ކަމަށެވެ.
ނާސާއިން ލަފާކުރާ ގޮތުގައި މިގޮވުމުގެ އަސްލަކީ ހަނދަށް ވެއްޓުނު ގިނިހިލައެކެވެ. ހަނދަށް ވެއްޓުނު ގިނިހިލައިގެ ބަރުދަނުގައި 40 ކިލޯ ގުރާމު ހުންނާނެ ކަމަށް ނާސާއިން ލަފާކުރެ އެވެ. އަދި އެ ގިނިހިލަ ވެއްޓުމުގެ ސަބަބުން އުފެދުނު ގޮވުމަކީ ފަސް ޓަނުގެ ޓީއެންޓީއަށް ވުރެ ބާރުގަދަ ގޮވުމެއް ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
އެއީ އެމެރިކާގެ ވައިގެ ސިފައިން ގެންގުޅޭ ބަންކާ ބަސްޓިންގް އެމްއޯޕީ ސުޕާބޮމުގެ ދެބޮން ގޮއްވާލުމުން އުފެދިގެންދާނެ މިންވަރުގެ ބާރުގަދަ ގޮވުމެކެވެ.
ނާސާއިން ބުނީ ހަނދުގެ ބިން ސާވޭކުރުމަށްޓަކައި، ހަނދު ވަށައިގެން ދަތުރުކުރާ ނާސާގެ ލޫނާ ރެކޮނައިޒާންސް އޯބިޓާގެ އެހީގައި މިގިނިހިލަ ވެއްޓުނު ސަރަހައްދު ސާވޭކުރަން ނިންމާފައިވާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.