20 May 2013, 13:15
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ސަރުކާރުން އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން އަންނަ ޖުލައި އެކަކުން ފެށިގެން އެއާޕޯޓް ހިންގަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ހިންގަން އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އެމްއައިއޭއެލް) ރަޖިސްޓްކުރުމަށްފަހު، އެއާޕޯޓް ހިންގަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މިހާރު ވަނީ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައި. ދެން އޮތީ ހިންގުން ހަވާލުކުރުމަށް އެމްއޭސީއެލްއިން ކުރަން ޖެހޭ މަސައްކަތްތައް. އެ މަސައްކަތްތައް މާ ލަހެއް ނުވެ ފެށޭނެ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް އުފެއްދި ކުންފުނިން އެއާޕޯޓް ހިންގި ނަމަވެސް އެއާޕޯޓްގެ މިލްކުވެރިއަކަށް ވާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކަމަށެވެ.
"އާ ކުންފުނިން އެއާޕޯޓް ހިންގާނީ. އާބިޓްރޭޝަން ނިމެންދެން އެއާޕޯޓްގެ އޯނާޝިޕް [މިލްކުވެރިކަން] އޮންނާނީ އެމްއޭސީއެލްގައި. ނަމަވެސް އެއާޕޯޓް ހިންގުމާ ހަވާލުވާއިރު މުވައްޒަފުން ބަދަލުކުރުމުގެ ކަންތައްތައް ހިންގާނެ. އަދި އެ އެސެޓް މެނޭޖްކުރުން ރަސްމީކޮށް ހަވާލުކުރުން ވެސް އޮންނާނެ،" ޖިހާދު ވިދާޅުވި އެވެ.
އެމްއައިއެލްގެ ޑިރެކްޓަރުންގެ ބޯޑު މިދިޔަ މަހުގެ ކުރީކޮޅު ރައީސް މުހައްމަދު ވަހީދު އެކުލަވާލެއްވުމަށް ފަހު އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މ. ރުއްކަރަ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އޭނާ އަކީ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ސަރުކާރަށް ލަފާ ދިނުމަށް ޓަކައި "އެއާޕޯޓް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ރައީސް އުފެއްދެވި ކޮމިޓީގެ ވެސް ޗެއާމަނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، އައިލެންޑް އޭވިއޭޝަންގެ ޗެއާމަން މއ. ކުއާތްރޯ ބަންދު އިބްރާހީމް ސަލީމެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގދ. މަޑަވެލީ ގަހާ އަހުމަދު މުނައްވަރާއި، ގ. ނޫމަރާހިޔާ ތޯރިގް އިބްރާހީމާއި، ދަފްތަރު ނަންބަރު 4076 އަބްދުﷲ ޔަޒީދާއި، ދަފްތަރު ނަންބަރު 8309 އިބްރާހީމް އިޔާސެވެ.
އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން އެއާޕޯޓް ހިންގުމާއި ތަރައްގީކުރުން ހަވާލުކުރަން ނިންމީ އެއާޕޯޓް ހިންގި އިންޑިއާގެ ޖީއެމްއާރުގެ އެގްރީމަންޓް އުވާލައި މިދިޔަ ޑިސެމްބަރު މަހު އެމްއޭސީއެލްގެ ދަށަށް އެއާޕޯޓް ގެންދިއުމަށް ފަހު އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް ކުންފުނި އުފެއްދީ އެ ކުންފުންޏާއި އެމްއޭސީއެލްއާ ދެމެދު ހަދާ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއާޕޯޓް ތަރައްގީކުރުމުގެ ހުރިހާ ކަމެއް އެމްއައިއެލް އިން ކުރިއަށް ގެންދާ ގޮތަށެވެ.