20 May 2013, 13:07
ދަރިންގެ ޚަރަދަށް ކޯޓަށް ދައްކާފައިވާ ފައިސާތައް ފިނޭންސް މިނިސްޓްރިއާ ހަވާލުކުރުމުން އެ ފައިސާ ދޫނުކުރާކަމުގެ ޝަކުވާތަތައް ލިބެމުން އަންނަ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފެމެލީ ކޯޓުގެ ރަޖިސްޓްރާ ހަސަން ޝަފީއު މިއަދު ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތުން ދަރީންގެ ހަރަދުގެ ގޮތުގައި ކޯޓަށް ދައްކާ ފައިސާ ޖަމާކުރަން ޖެހެނީ ދައުލަތުގެ އާމްދަނީ އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އާމްދަނީ އެކައުންޓަށް އެ ފައިސާ ޖަމާކުރުމުން ފިނޭންސް މިނިސްޓްރީން ޖެހޭނީ އެ ފައިސާ އެ ކޯޓާއި ހަވާލުކުރަން ކަމަށާއި ނަމަވެސް ކޯޓަށް ފައިސާ ދައްކާތާ ގިނަ ދުވަސްތަކެއް ވެގެންދާއިރު ވެސް އެ ފައިސާ ނުލިބިގެން ގިނަ ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
"ފެމެލީ ކޯޓަށް ފައިސާ ދައްކާ ފަރާތްތަކުންނާއި ފައިސާ ލިބެންވީ ފަރަތްތަކުން ވެސް ތަކުރާރުކޮށް ގެންދަނީ އެ ފައިސާ ނުލިބިގެން މި ކޯޓުގައި ޝަކުވާ ކުރަމުން. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާގޮތުން ދަރީންގެ ޚަރަދުގެ ފައިސާ ފެމެލީ ކޯޓާ ހަވާލު ކުރުމުން ދެން ޖެހޭނީ އެފައިސާ ދައުލަތުގެ އާމްދަނީ އެކައުންޓަށް ޖަމާކުރަން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައި. ދެން ފިނޭސް މިނިސްޓްރީން އެ ފައިސާ މި ކޯޓާއި ހަވާލުކުރާނީ. ދެން އަޅުގަނޑުމެން އެ ފައިސާ ދޫކުރަން ފަށާނީ. އަޅުގަނޑު އެއްވެސްގޮތަކަށް ގަބޫލެއްނުކުރަން އެ ފައިސާ އަކީ ދައުލަތުގެ އާމްދަނީ އެކައުންޓަށް ވަންނަންޖެހޭ ފައިސާއެއްކަމަށް،" ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މީގެތިން ހަފްތާ ކުރިން އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކާފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް ހަލެއް ލިބިފައި ނުވާކަމަށެވެ. ދަރީންގެ ޚަރަދުގެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާތީ ފެމެލީ ކޯޓުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެމެލީ ކޯޓުން ދެއްކި ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ދޮގު ކުރައްވައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރު ގެންދަނީ އެ ފައިސާ ދޫކުރަމުން ކަމަށެވެ.
ދަރިންގެ ހަރަދަށް ދައްކާފައިވާ ފައިސާ ދޫކުރާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިނަމަވެސް ބައެއް މީހުން ވަނީ އެކަމުގެ ޝަކުވާތައް ސަންއަށް ހިއްސާކޮށްފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި މަސް ނިމުމުގެ ކުރިން ދަރިންގެ ހަދަރަށް ކޯޓަށް ދައްކާ ފައިސާތައް ކުރިއަށް ފެށޭ މަހުގެ ފުރަތަމަ ދިހައިގައި ދަރިންނަށް ލިބޭ ކަމަށެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު ކޯޓަށް ދެއްކި ފައިސާ އަދިވެސް ދަރިންނަށް ނުލިބިގެން އެމީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދަރިންގެ ހަރަދުގެ ގޮތުގައި އެ ކުދިންގެ ބައްޕައިން ކޯޓަށް ދައްކަން ޖެހެނީ ކޮންމެ ކުއްޖަކަށް 1000ރ. އެވެ. އާއިލާއާ ބެހޭ ގަވައިދުގެ 65 ވަނަ މާއްދާއަށް ގެންނަން ފެންނަ ކަމަށް މަޖިލީހުން ފާސް ކުރި އިސްލާހުގައި ބުނަނީ ގިނަ ދަރިން ތިބޭ ކަމަށްވާނަމަ ކޮންމެ ކުއްޖަކު އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދުގެ ގޮތުގައި ބައްޕަގެ ފަރާތުން ނަގައި ދެވޭނީ މަދުވެގެން މަހަކު 1000ރ. ކަމަށެވެ. ނަމަވެސް އެންމެ ކުއްޖަކު ހުންނަނަމަ އެ ކުއްޖާއަށް 18 އަހަރު ފުރެންދެން 2000ރ. މަހަކު ހަރަދުގެ ގޮތުގައި ނަގައިދޭން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދަށް ހުށަހެޅި އިސްލާހުގައި ބުނެ އެވެ. އިއްދައިގައި އިންނަ އަންހެނާއަށް ދައްކަންޖެހޭނީ 2000ރ. އެވެ.