20 May 2013, 12:11
މޮސްކޯ (މޭ 20) : ސޫރިޔާގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މަހާސިންތާގެ ތައްޔާރީތައްކުރިޔަށްދާ ކަމަށާ ނަމަވެސް މިމަހާސިންތާ ބާއްވާނެ ތާރީޚެއް އަދި ކަނޑައެޅިފައިނުވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެއްޖެވެ.
ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައިއެގައުމުގެ ރައީސް ވްލަޑިމޭރު ޕޫޓިންއާ މޮސްކޯގައި ބައްދަލުކުރެއްވުމަށްފަހު ބަންކީ މޫން ވިދާޅުވީ އަންނަ ޖޫންމަހުގެ ކުރީކޮޅު މިމަހާސިންތާ ބޭއްވުމަށް އދ. ން މަސައްކަތް ކުރަމުން ގެންދާކަމަށާ މިކަމާބެހޭގޮތުން ރަޝިޔާގެ ލީޑަރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީވެސް މި މަހާސިންތާއަށް ތައްޔާރު ވުމުގެ މަސައްކަތާ ގުޅިފައިވާ ކަމެއް ކަމަށް ބަންކީ މޫން ވިދާޅުވިއެވެ.
ސޫރިޔާގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށްޓަކައި ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު ފަރާތްތައް ހިމެނޭގޮތަށް ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވުމަށް އެއްބަސްވެ އެކަމަށް ގޮވާލާފައިވަނީ އެމެރިކާއާއި ރަޝިޔާއިންނެވެ.މިގޮވާލުމަށް އދ. އާއި ޔޫރަޕްގެ އިއްތިޙާދާ އަދި ޢަރަބި ގައުމުތަކުން ވަނީ މަރްޙަބާ ކިޔާފައެވެ. މި މަހާސިންތާ ބޭއްވުމަށް ރޭވިފައިވަނީ އަންނަ ޖޫންމަހުގެ ދެވަނަ ހަފްތާ ތެރޭގައި ސްވިސްޓްޒަލޭންޑްގެ ޖެނީވާގައި ކަމަށް ޚަބަރުލިބެއެވެ.
އަނެއްކޮޅުން ސޫރިޔާގެ ރަޙްމަތްތެރިންގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ބައްދަލުވުމެއް އުރުދުންގެ ވެރިރަށް ޢަންމާންގައި މާދަމާ ފެށޭނެ ކަމަށް ޚަބަރު ލިބެއެވެ. މިއީ ސޫރިޔާގެ މައްސަލާގައި ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު ނާސިރުލްޖަވްދާ ވިދާޅުވިއެވެ. (އަލްޖަޒީރާ)