މާފުށީގައި ދީނީ ބައިބައިވުން އުފެދޭ ގޮތަށް ފަތުވާދިން ކަމަށް ބުނެ، އެ ރަށުގެ ބަޔަކު ޝޭހަކާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަން ފެށުމުން ފުލުހުންގެ ބެލުމުގެ ދަށުން އެ ޝޭހު އެ ރަށުން ގެންގޮސްފި އެވެ.

ހުކުރު ކުރުމާއި އިމާމުވެ ނަމާދު ކުރުމާއި ފަތުވާ ދިނުމުގެ ހުއްދަ އޮންނަ ޝެއިހް އިބްރާހިމް ރަޝީދު މާފުށީގައި ދީނީ ބައިބައިވުން އުފެދޭ ގޮތައް ފަތުވާދެމުންދާ ކަމަށް ބުނެ، އެ ރަށުގެ ބަޔަކު ރޭ ވަނީ އޭނާ ގުރުއާން ކިޔަވައިދޭ "ތަހުސީނުލް ގުރުއާން" ކްލާސް ކައިރިއަށް އެއްވެ، އަޑު އުފުލާފަ އެވެ. އަދި މުޒާހަރާ ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވާން އުޅެނިކޮށް ރަޔަޓް ފުލުހުން އެ ރަށަށް އަރައި އެ ޝޭހު މާފުށިން ގެންގޮސްފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ނަޝީދު ވިދާޅުވީ ޝެއިހް އިބްރާހިމް ރަޝީދާ ދެކޮޅަށް ރޭ ބަޔަކު އަޑުއުފުލާފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމު އޮތް ގޮތުން ބައެއް ކުދިން ސްކޫލަށް ކިޔަވަން ނުފޮނުވުމަށް ޝެއިހް ފަތުވާ ދެމުން ގެންދާތީ އެކަމާ ހިންހަމަ ނުޖެހިގެން ކަމަށެވެ. އަދި އެ ޝޭހުގެ ބަސް ގަބޫލުކޮށްގެން އެ ރަށުގެ ބައެއް ބެލެނެވެރިން ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް އަލީ ނަޝީދު ވިދާޅުވި އެވެ.

"ދީނީ ބައިބައިވުންތަކުގެ ތެރެއިން އައިސް ކުދިންނަށް ކިޔަވައި ނުދިނުމާއި، އަންހެން ކުދިން ސްކޫލުން ކަނޑައި، މިކަންކަމަކީ އެއްވެސް މުޖުތަމައުއެއްގައި ބަލައިގަންނާނެ ކަންތައްތަކެއް ނޫން. އިސްލާމްދީނަކީ އިލްމަށް ވަރަށް ބާރުއަޅާ ދީނަކަށް ވާއިރު، އެއީ ދީނީ ކަމަކަށް ގަބޫލެއް ނުކުރެވޭ.
މިކަމެއް މިކުރީކީ އިސްލާމްދީނަކާ ދެކޮޅަކަށެއް ނޫން. އިސްލާމް ދީނުގައި އޮންނަ ގޮތް އެއަށްވުރެ ބޮޑުކޮށްލައިގެން، ކިޔަވަން ކުދިން ނުފޮނުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" މާފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝެއިހް އެ ރަށުގެ ހޭދަކުރެއްވި ދުވަސްތަކުގައި އޭނާގެ ވާހަކަތައް ގަބޫލުކޮށްގެން އުޅޭ ވަކި ފިކުރަކަށް އުޅޭ މީހުންގެ ޖަމާއަތަކެއް ރަށުގައި އުފެދިފައިވާ ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މާފުށީގައި ޕްރައިމަރީއާއި ސާނަވީ ތައުލީމުދޭ ސްކޫލަށާއި ޕްރީ ސްކޫލަށް ބައެއް ކުދިން ނުފޮނުވާ މައްސަލަ އެ ރަށުގައި ވަނީ ބޮޑުވެފަ އެވެ. އެގޮތުން އަށް ކުއްޖަކު އެއްވެސް ސަބަބެއް ނާންގައި ޕްރީ ސްކޫލަށް ބެލެނެވެރިން ނުފޮނުވާ ކަމަށް ޕްރީ ސްކޫލު ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ ބުނެފަ އެވެ. އެ ކުދިން ކިޔަވަން ނުފޮނުވަނީ މި މަހުގެ 10 ވަނަ ދުވަހު ފާހަގަ ކުރި ކުޑަކުދިންގެ ދުވަހުގައި އަޑުގަދަކޮށް "ނާސަރީ ރައިމްސް" ޖައިހެގެން އެ ކުދިން ކުޅިވަރުގައި ޝާމިލު ކުރިވި މައްސަލާގައި ބައެއް ބެލެނެވެރިން ހަންހަމަނުޖެހިގެންނެވެ.

ރަށު ޕްރީ ސްކޫލުން ބުނީ ބެލެނެވެރިން ހިންހަމަނުޖެހޭ ކަމެއް އޮތްނަމަ އެކަމެއް ހިއްސާ ކުރުމުން، ބެލެނެވެރިއަކު ބޭނުންވާ ދަރިވަރަކު އެފަދަ ކުޅިވަރުތަކުން ބައިވެރިނުކުރާނެ ކަަމަށެވެ.