ތެހެރާން (މޭ 20): އީރާނުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އެމެރިކާއަށާއި އިސްރާއީލަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި އީރާނުގައި ދެ މީހަކަށް މަރުގެ އަދަބު ދީފި އެވެ.

މި ދެމީހުންގެ ތެރެއިން އެކަކީ މުޙައްމަދު ޙައިދަރީ ނަމަކަށްކިޔާ މީހެކެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އީރާނުގެ އަމްނާބެހޭ ސިއްރު މަޢްލޫމާތު އީސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" އަށް ފޯރުކޮށްދިނުމާއި އޭގެ ބަދަލުގައި އެއިދާރާއިން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން ގެންދިޔަކަމުގެ ކުށެވެ. އީރާނުގެ ހައިކޯޓުން މިޙުކުމް ކަށަވަރުކޮށް ދިނުމުން އީރާނުގެ ޝަރްޢީ ކަންތައްތަކާބެހޭ މަޖިލީހުންވަނީ މަރުގެ އަދަބުގެ މިޙުކުމް ތަންފީޒު ކުރުމަށް ހުއްދަދީފައި ކަމަށް އެގައުމުގެ ފާރިސް ނޫސް އެޖެންސީ ޚަބަރު ދެއެވެ.

މަރުގެ ޙުކުމް ތަންފީޒުކުރި ދެވަނަ މީހާގެ ނަމަކީ ކޯރިޝް އަޙްމަދީއެވެ. އޭނާގެމައްޗަށް ސާބިތުވެފައިވަނީ އީރާނުގެ އަމްނާބެހޭ ސިއްރު މަޢްލޫމާތު އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ. އަށް ފޯރުކޮށްދިނުމާއި އޭގެ ބަދަލުގައި އެއިދާރާއިން ފައިސާ ހޯދަމުން ގެންދިޔަކަމުގެ ކުށެވެ. އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ފައިސާދީގެން އެޖެންޓުންގެ އެހީގައި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މަރަމުގެންދާ ކަމުގެ ތުހުމަތު އީރާނުން އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކޮށްފައިވެއެވެ. ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި އީރާނުންގެ ނިއުކްލިޔާ ފަސް ސައެންޓިސްޓަކު އަވަހާރަކޮށްލާފައިވާއިރު މިފަދަ ޢިލްމުވެރިން މެރުމަށް ޙަރަކާތްތެރިވާ ޖާސޫސީ އެތަށް ނެޓްވޯކެއްގެ އެޖެންޓުން އީރާނުގެ އަމްނާބެހޭ ދާއިރާތަކުން އަތުލައިގެންފައިވެ އެވެ.

މިދިޔަ އަހަރުގެ މޭމަހު އީރާނުންވަނީ އީރާނުގެ ނިއުކްލިޔާ ސައިންސްވެރިއަކު މެރުމުގައި ޢަމަލީގޮތުން ބައިވެރިވިކަން ސާބިތުވެފައިވާ މީހަކަށް ވެސް މަރުގެ އަދަބު ދީފައެވެ. މިމީހާ މިކަންކުރީ 120ހާސް އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީލިބިގެން ކަމަށް އީރާނުން ބުނެފައިވެއެވެ. (އަލްޖަޒީރާ)