މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން އެކުލަބުގެ ކޯޗެއްގެ ގޮތުގައި ނުކުތް އެންމެ ފަހު މެޗުގައި ރޭ ވެސްޓްބްރޮމްއާ ދެކޮޅަށް އެކުލަބު ކުޅުނު މެޗުން ޔުނައިޓެޑް ކުރިހޯދާފައިވަނިކޮށް ރޮމެލޫ ލުކާކޫގެ ހެޓްރިކާއެކު ފަހަތުން އަރައި ފަހެއް ފަހަކުން އެއްވަރުކޮށް ވެސްޓް ބްރޮމްއިން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

ފާގަސަން ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން 1500 ވަނަ މެޗުގެ ފުރަތަމަ ހާފުގެ ހަވަނަ މިނިޓުގައި ޔުނައިޓެޑަށް މެޗުގެ ކުރި ހޯދައިދިނީ ޝިންޖީ ކަގަވާއެވެ. އަދި އޭގެ ތިން މިނިޓުފަހުން ވެސްޓް ބްރޮމްގެ ޖޯނަސް އޮލްސޮން އަތުން ބައިކޮޅަށް ލަނޑެއް ވަދެ ޔުނައިޓެޑްގެ ލީޑު ފުޅާވިއެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ ބަޓްނާއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ބްރޮމްގެ ޖޭމްސް މޮރިސަން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ ފަސް މިނިޓުތެރޭގައި ރޮމެލޫ ލުކާކޫ ވަނީ ވެސްޓްބްރޮމްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ތިނެއް ދޭކަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް ރޮބިން ވެން ޕާސީ ވަނީ 53 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަތެއް ދޭކަށް ބަދަލު ކޮށްފައެވެ. އެލަނޑާއެކު ޖުމުލަ 26 ލަނޑު ކާމިޔާބު ކޮށްގެން ވެން ޕާސީ ވަނީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. 64 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހާވިޔާ ހެނާންޑޭޒްއެވެ. ވެސްޓްބްރޮމް އިން ޔުނައިޓެޑް ސިއްސުވައިލީ 47 ސިކުންތު ތެރޭގައި ދެ ލަނޑު ކާމިޔާބު ކޮށްގެންވެ. އެގޮތުން 80 ވަނަ މިނިޓުގައި ލުކާކޫ ގޯލެއް ޖަހާފައިވަނިކޮށް ހަމަ އެމިނިޓުތެރޭގައި ޔޫސުފް މުލުމްބޫ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ފަސްމިނިޓު ތެރޭގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ފަހެއް ފަހަކުން ވެސްޓްބްރޮމްއަށް ހަމަހަމަކޮށްދިނީ ޗެލްސީގެ ތަރި ލުކާކޫއެވެ. އެއީ އޭނާ މެޗުގައި ހެޓްރިކް ހެދި ލަނޑުވެސް މެއެވެ.

ރޭގެ މެޗާއެކު މެންޗެސްޓާ ޔުނައިޓެޑު، ފާގަސަންގެ ކޯޗު ކަމުގައި 1500 މެޗު ކުޅެފައިވާއިރު ޔުނައިޓެޑް ވަނީ 895 މެޗުން މޮޅުވެ، 338 މެޗުން އެއްވަރުވެ 267 މެޗުން ބަލިވެފައެވެ. މެޗު ނިމުމާއެކު ފާގަސަން ވަނީ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށް 26 އަހަރުގެ ޒަމާންވީ ވެރިކަން ނިންމާލުމަށްފަހު ޓަނެލްތެރެއަށް ވަދެގެން ގޮސްފައެވެ.

ރޭގެ މެޗާ ބެހޭ ގޮތުން ވެސްޓް ބްރޮމްގެ ކޯޗު ސްޓީވް ކްލާކް ބުނީ އެމެޗަކީ ތާރީހީ މެޗެއް ކަމަށާއި އަދި ގިނަ ދުވަސްތަކެއް ވަންދެން ހަދާނުން ފޮހިވިގެން ނުގޮސް ހުނާނާ މެޗެއް ކަމަށެވެ. ހަނމަ އެހެންމެ ކުލާކް ބުނީ ރޭގެ މެޗުގައި ފާގަސަންއަށް އެހާ ބޮޑު ހިތްހަމަ ޖެހުމެއް ނުލިބޭނޭ ކަމަށާއި އެހެން ނަމަވެސް ފާގަސަންއަށް ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށެވެ.