20 May 2013, 11:41
މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސްޓްޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓާ މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލަ މިހާތަނަށް އިސްތިއުނާފުކޮށްފައި ނުވަނީ އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓު ވެސް ލިބިފައިނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ ޝަރީއަތް ނިމުނުގޮތުގެ ފުލް ރިޕޯޓު ލިބިފައި ނެތްނަމަވެސް ޚުލާސާ ރިޕޯޓު ލިބިއްޖެނަމަ މައްސަލަ އިސްތިއުނާފަށް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވަނީ އެއިން އެއްވެސް ރިޕޯޓެއް ލިބިފައިނުވާތީ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓު ލިބިފައި އޮތްކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައި އޮތްނަމަވެސް އަދިވެސް އެ ރިޕޯޓު ލިބިފައި ނުވާކަމަށެވެ.
"އަދިވެސް ޕީޖީ އޮފީހަކަށް އެ ރިޕޯޓެއް ނުލިބޭ. މިހާތަނަށް އެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވަނީ އެ މައްސަލައިގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާތީ،" ނާޝިދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިމުނު ރިޕޯޓަށް ޕީޖީ އޮފީހުން އެދިފައި އޮތްކަން ގާޒީއަށް އެނގިވަޑައިގަތީ އިއްޔެ ކަމަށެވެ. ނަމަވެސް ރިޕޯޓަށް އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީ އެ ކޯޓުގެ ރިޕޯޓު ދޫކުރުމާ ބެހޭ ސެކްޝަނަށް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.