ޑީއާރުޕީގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ވަރަށް އިހާނެތިކޮށް އަނިޔާކޮށް ނޫސްވެރިންގެ މަސައްކަތައް ހުރަސްއަޅާފައި ވާތީ ޖޫމްހޫރީ ޕާޓީން ވެސް ފުލުހުންގެ އެ އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.


ޖުމްހޫރީ ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުންގެ ފަރާތުން ރޭ މީޑިޔާއަށް އަމާޒުކޮށް ހިންގާފައިވާ ހަރުކަށި އެޖަރީމާއަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ޑިމޮކްރެޓިކް ރީތި އުސޫލާއި އިސްލާމްދީނުގެ މާތް އުސޫލްތަކާއި ވެސް ހިލާފް އަމަލަކަށްވާ އިރު، މިއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ސީދާ ހުރަސް އަޅައި މި ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ފޮރުވުމަށް ކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް ދެކޭ ކަމަށެވެ.


ރޭގެ އެ މުޒާހަރާގައި ހަރަކާތްތެރިވި މީޑިޔާގެ އެންމެހާ ފަރާތްތަކަށް ފުލުހުން އެކިވަރުގެ އަނިޔާދީ، އެފަރާތްތައް ހައްޔަރުކޮށްފައިވާ އިރު، މީޑިޔާގައި ހަރަކާތްތެރިވި އަންހެން ނޫސްވެރިއެއްގެ އުނަގަޑުގައި މުގުރުން ޖަހާ، އޭނާ ވައްޓާލާ، އެހާލަތުގައި އޭނާގެ ގައިމައްޗަށް ފައިން އެރިއެރުމާއި އެ ނޫސްވެރިޔާއަށް ދިން ހަމަލާއަކީ ހަގުރާމަތަކުގައި ވެސް އެންމެބޮޑެތި އަދަބު ދިނުމަށް އަނިޔާދޭ ގުނަވަނަކަށް ވާއިރު، މިއީ މި ޕާޓީން އިންތިހާއަށް ކުއްވެރިކުރާ އަމަލެއް ކަމަށްވެސް ޖުމްހޫރީ ޕާޓީގެ އެ ނޫސްބަޔާނުގައިވެ އެވެ. އަދި ބޮޑެތި ހަގުރާމަތަކާއި އެފަދަ އެހެންވެސް އަމަލުތަކުގައި އަންހެނުންނާއި ކުޑަކުދިންނަށް ހިމާޔަތްދޭކަން ސަރުކާރަށާއި ފުލުހުންނަށް ހަދާންކޮށްދޭ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.


" ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ކަމަށް ބުނެ، ހުވަފެން ދައްކަމުން ވެރިކަމަށް އައި މި ސަރުކާރުގެ ކުރީކޮޅު ސުލްހަވެރިކަމާ އެކު ޝޫއޫރުފާޅުކުރުމަށް ހުރަސްއަޅައި މީޑިޔާގެ މަސައްކަތްތަކަށް ނުފޫޒް ފޯރުވުމަށް މިފަދަ ދަށުދަރަޖައިގެ އަމަލްތައް ކުރާ ނަމަ، މި ސަރުކާރަށް ވެރި ކަމަށް އައުމަށް އިތުރު ފުރުސަތެއް ދެން ދިވެހި ރައްޔިތުން ނުދޭނެ" ޖުމްހޫރީ ޕާޓީގެ އެ ނޫސްބަޔާނުގައިވެ އެވެ.


މި ފަދަ އެންމެހާ އަމަލުތައް ރާއްޖޭގެ ސަލާމަތީ ބާރުތައް ނާޖާއިޒް ގޮތުގައި، ބޭނުންކޮށްގެން ނުހިންގުމަށް ވެސް ޖުމްހޫރީ ޕާޓީގެ އެ ނޫސްބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.