ފާއިތުވި ހަތަރު އަހަރު ނަޕޯލީއަށް ކޯޗް ކޮށްދިން އިޓަލީގެ ވޯލްޓާ މަޒާރީ އެޓީމުގެ ކޯޗް ކަމުން ވަކިވެއްޖެ އެވެ.

އުމުރުން 51 އަހަރުގެ މަޒާރީ ނަޕޯލީގެ ކޯޗް ކަމުން ވަކިވީ އިޓާލިއަން ލީގުގައި ރޭ ރޯމާ އަތުން 2-1 ލަނޑުން ނަޕޯލީ ބަލިވި މެޗަށް ފަހު އެވެ.

އިޓާލިއަން ލީގުގައި ނަޕޯލީ އޮތީ ލީގު ތާވަލުގެ ދެ ވަނަ މަގާމުގައި 78 ޕޮއިންޓާއެކު އެވެ. ލީގުގެ އެއް ވަނަ މަގާމުގައި އޮތީ 87 ޕޮއިންޓާއެކު ޔުވެންޓާސްއެވެ.

ނަޕޯލީގެ ކޯޗު ކަމުން މަޒާރީ އިސްތިއުފާ ދިނުމަށްފަހު އިޓަލީގެ ބައެއް ކުޅިވަރު ނޫސްތަކައް ދީފައިވާ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ، ކޯޗު ކަމުން އިސްތިއުފާ ދިނީ ނަޕޯލީގައި އޭނާ އަދާކުރަމުންދާ ދައުރު ނިމުމުން ކަމަށާއި އެހެން ނަމަވެސް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުލަބުގެ ސަޕޯޓަރުން އޭނާއަށް ދިން ފުރިހަމަ ސަޕޯޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަހަރެން މިހާރުމީ ނަޕޯލީގެ ކޯޗެއް ނޫން. ކޯޗް ކަމުން ދުރަށް ދިއުމުގެ ވިސްނުން މިދިޔަ ސީޒަނުގައި ވެސް ގެންގުޅުނިން. އެކަމަކު ނަޕޯލީގެ މެނޭޖްމަންޓާ އަހަރެންނާ އޮންނަ ގާތް ގުޅުން އަބަދުވެސް އޮންނާނެ" މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނަޕޯލީ ދެ ވަނަ ބުރަށް ގެންގޮސްދިން މަޒާރީ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަޒާރީ ދެން އެންމެ އަވަހަށް ވެސް ކޯޗް ކަމާ ހަވާލުވާނެ ކުލަބެއް ކަމުގައި ބެލެވެނީ އިންޓަ މިލާން ނުވަތަ އޭސީ މިލާން އެވެ.

ނަޕޯލީގެ ކޯޗް ކަމުން މަޒާރީ އިސްތިއުފާ ދިނުމުން އިޓަލީގެ މީޑިއާތަކުގައި ތަފާތު ގޮތްގޮތައް ވާހަކަތައް ފެތުރުމުން އެކަމަށް ރައްދު ދެއްވާ މަޒާރީ ބުނީ، އޭނާގެ ކޯޗިން ކެރިއަރާ މެދު އަދި އެއްޗެކޭ ބުނަން އަވަސް ކަމަށެވެ.