އިނގިރޭސި ލީގުގައި ރޭ ނިއުކާސަލް އަތުން އެކެއް ސުމަކުން ހަނި ގޮތަކަށް މޮޅުވެ ކުރިއަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން ޖާގައެއް އާސެނަލް ހޯދައިފިއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅެވުނީ ލީގުގެ އެންމެ ފަހު މެޗުތަކެވެ. އާސެނަލް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ހޯދުމަށްޓަކައި ރޭގެ މެޗުން މޮޅުވުމުގެ އިތުރުން ތާވަލުގެ ތިންވަނައިގައި އޮތް ޗެލްސީ ރޭ ކުޅުނު މެޗުން އެއްވަރު ނުވަތަ ބަލިވާން ޖެހެއެވެ. އެހެން ނަމަވެސް އާސެނަލް ބުރަމަސައްކަތުން ނިއުކާސަލް އަތުން މޮޅުވިއިރު ޗެލްސީ ވަނީ އެވަޓަންގެ މައްޗަށް ދޭއް އެކެއްގެ ކާމިޔާބެއް ހޯދާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އާސެނަލްއަށް ޖެހިޖެހިގެން 16 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބުނީ 52 ވަނަ މިނިޓުގައި ލޮރެންޓް ކޮސީލްނީ ކާމިޔާބުކޮށްދިން މުހިއްމު ލަނޑުންނެވެ. މިދިޔަ ސީޒަންގައިވެސް އާސެނަލްއަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދިން ލަނޑު ވެސްބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަހައި ދިނީ ކޮސިލްނީއެވެ.

މާޗު މަހުގެ ކުރީ ކޮޅުގައި ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާއަށް ވުރެ ހަތްޕޮއިންޓު ފަހަތުގައި އޮތް އާސެނަލް ލީގު ނިންމާލީ ޓޮޓެންހަމްއަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. އަދި މި ކާމިޔާބާއެކު އާސެނަލް ވަނީ ސްޕާސްއަށް ވުރެ ކުރީގައި އޮވެ ޖެހިޖެހިގެން 18 ސީޒަން ނިންމާފައެވެ.

ވައިޓްހާޓް ލޭންގައި ރޭ ސްޕާސް ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެކެއް ސުމަކުން ސްޕާސް ސަންޑަލޭންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ފަހުވަގުތުގައި ސްޕާސްއަށް މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްނީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގެރެތު ބޭލްއެވެ.

ޕްރިމިއާ ލީގުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޗެލްސީ އެވަޓަން އަތުން 2-1 ލަނޑުން މޮޅުވި އިރު ލިވަޕޫލްވަނީ މިސީޒަންގައި ރެލިގޭޓުވި ކިޔުޕީއާރު 1-0 ލަނޑުން ބަލިކޮށްފައެވެ. ނޯވިޗް އަތުން މެންޗެސްޓާ ސިޓީ 3-2 ލަނޑުން ބަލިވިއިރު ރޭ އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުތީ މެންޗެސްޓާ ޔުނައިޓެޑާއި ވެސްބްރޮމް މެޗުގައެވެ. އެމެޗު ނިމުނީ 5-5 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ސައުތުހެމްޓަން އާއި ސްޓޯކް ސިޓީ 1-1 ލަނޑުން އެއްވަރުވެ، ވިގަންއާއި އެސްޓަންވިލާ 2-2 ލަނޑުން އެއްވަރުވެ، ވެސްޓްހޭމް ޔުނައިޓެޑް 4-2 ލަނޑުން ރެޑިންގެ މައްޗަށް ކުރި ހޯދިއިރު ފުލަމް ވަނީ 3-0 ލަނޑުން ސްވަންސީ ބަލިކޮށްފައެވެ.