20 May 2013, 11:08
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލު ކުރި މެޗުގައި ފެނާންޑޯ ޓޮރޭސް މިއަހަރުގެ ލީގުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިން ހަމަ އެކަނި ލަނޑާއެކު ދޭއް އެކަކުން އެވަންޓަން އަތުން މޮޅުވެ ލީގު ތާވަލުގެ ތިންވަނައިގައި އޮވެ ޗެލްސީ ސީޒަން ނިންމާލައިފިއެވެ.
ޗެލްސީގެ ވަގުތީ ކޯޗެއްގެ ގޮތުގައި ރަފާ ބެނިޓޭޒް ނުކުތް ފަހު މެޗުގައި އަދި އަންނަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، ޑޭވިޑް މޮއިސް އެވަޓަންގެ ކޯޗެއްގެ ގޮތުގައިވެސް ފެނުނު ފަހު މެޗުގައި ދެޓީމުންވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ.
މެޗުގެ 7 ވަނަ މިނިޓުގައި ޗެލްސީއަށް އެވަޓަންގެ ގޯލް ހުޅުވާލަ ދިނީ، ޑެމްބާ ބާ ތަނަވަސްކޮށްދިން ފުރުސަތަކުން ހުއާން މާޓާއެވެ. އެހެން ނަމަވެސް އޭގެ ހަތް މިނިޓުފަހުން އެވަޓަންގެ ސްޓީވަން ނެއިސްމިތުވަނީ ޗެލްސީ ކޮޅަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޗެލްސީ މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ވިކްޓާ މޮސެސް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ފެނާންޑޯ ޓޮރޭޒްއެވެ. އެ ލަނޑަކީ ޗެލްސީގެ 50 މިލިޔަން ޕައުންޑުގެ އަގުބޮޑު ފޯވަޑް އެކުލަބަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑެވެ.
ރޭގެ މެޗުން މޮޅުވުމުން ޗެލްސީއަށް ލީގުގެ ތިންވަނަ ލިބުނީ ޖުމުލަ 75 ޕޮއިންޓު ހޯދައިގެންނެވެ. އަދި ނިއު ކާސަލް އަތުން އެކެއް ސުމަކުން މޮޅުވެ ހަތަރު ވަނައަށް ދިޔަ އާސެނަލްއަށް ލިބުނީ 73 ޕޮއިންޓެވެ. ފަހެއް ފަހަކުން ވެސްޓްބްރޮމްއާ އެއްވަރުވެ 89 ޕޮއިންޓާއެކު ޔުނައިޓެޑް ތާވަލުގެ އެއްވަނައިގައި އޮވެ ލީގު ނިންމާލި އިރު 78 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދި މެންޗެސްޓާ ސިޓީވަނީ ރޭގެ މެޗުން ތިނެއް ދޭކުން އަމިއްލަ ދަނޑުގައި ނޯވިޗް އަތުން ބަލިވެފައެވެ.
ރޭގެ މެޗާ ބެހޭގޮތުން އެވަޓަންގެ ކޯޗު ޑޭވިޑް މޮއިސް ބުނީ، އެމެޗުގައި އެވަޓަންގެ ކުޅުން ތެރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި އަދި ނަމަވެސް މެޗުން ބަލިވުމުން ވަރަށް ދެރަވި ކަމަށެވެ. އަދި ހަމަ އެހެންމެ 11 އަހަރަށްފަހު އޭނާ ވަރަށް ބޮޑަށް ލޯބިވާ ކުލަބެއް ދޫކޮށް ދާންޖެހޭތީ ދެރަވާ ކަމަށްވެސް މޮއެސް ބުންޏެވެ.
ހަމަ އެހެންމެ ޗެލްސީއަށް މިފަހަރުގެ ޔޫރޮޕާ ލީގު ހޯދައިދިން ވަގުތީ ކޯޗު ބެނިޓޭޒު ބުނެފައިވަނީ ޒުވާން ކުޅުން ތެރިންތަކެއް ތަމްރީނުކޮށް ޗެލްސީ ހަމަޔަކަށް އަޅުވައި، އަދި ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތުވެސް ލިބިފައިވާއިރު އެކުލަބު ދޫކޮށް ދާންޖެހޭތީ ވަރަށް ދެރަވާ ކަމަށެވެ.