އަލަށް ރިސޯޓް ތަރައްގީކުރަން 15 ރަށެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަހުމަދު އަދީބު "ސަން"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަނޑައަޅާފައިވާ 15 ރަށަކީ ރިސޯޓް ތަރައްގީކުރަން އެކި ސަރަހައްދުތަކުން ހޮވާލާފައިވާ ރަށްތަކެއް ކަމަށެވެ.

ރިސޯޓް ތަރައްގީކުރަން ސަރުކާރުން ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން ނިންމާފައިވާ 15 ރަށަކީ ހއ. މާފިނޮޅު، ށ. ފުށިފަރު، މައިރަށް، މެދުރަށް، ދިގު ރަށް، ނ. ކުންނުމަލަ، ނ. އެއްދުއްފަރު، ރ. އާރަށް، ކުޑަފުށި، ފަސްމެންދޫ އާއި މެރިން ރިސާޗުގެ މަސައްކަތްތަކަށް ކުރިން ބޭނުން ކުރި ވ. ބޮޑު މޮހޮރާ، ތ. ވަންބަދި، ކަނި، ގއ. މާމުޓާ ދެއްވަލާބަދޫ، ދެއްވަމާގަލާ ދިގުދޫ، އަދި މެދުރެހާ، މާފެހެލާ، އަދި އެއްފަޅެއްގައި ތިން ރަށް އެކީ އޮންނަ އިންނަރެހާ އެވެ. މީގެ ތެރެއިން ށ. މައިރަށް، މެދުރަށް، ދިގު ރަށަކީ އެއްފަޅެއްގެ ތެރޭގައި ޖެހިޖެހިގެން އޮންނަ ތިން ރަށެކެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ މިހާރު ކޯޓުގައި މައްސަލަ ހިނގަމުންދާ ރަށްތަކެއް ވެސް. އެ މައްސަލަތައް ކޯޓުން ނިމޭހާ އަވަހަކަށް ރިސޯޓް ހަދަން ބިޑަށް ހުޅުވާލެވޭނެ. އެކަމަކު މިފަހަރު ބިޑަށް ހުޅުވާލާނީ ޖުމްލަ 14 ރަށް. އޭގެ ތެރެއިން ތިން ރަށެއް މިހާރު ވަނީ އިއުލާންކޮށް ނިމިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އަލަށް ތަރައްގީކުރަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ތިން ރަށެއް މި ހަފުތާގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ އިންވެސްޓަރުންނަށް ފުރުސަތު ލިބޭ ގޮތަށް އެކި ފަހަރު މަތިން އިއުލާންކުރާ ގޮތަށް. މިއަހަރުގެ ތެރޭގައި 11 ރަށެއް އިތުރަށް ބިޑަށް ހުޅުވާލަން މަސައްކަތްކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އަލަށް ހުޅުވާލާ ރަށްތަކަށް ވެސް އިންވެސްޓަރުންގެ ތަރުހީބު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ތަރައްގީކުރަން މިއަހަރު އަލަށް ހުޅުވާލީ ރ. އުފުލަންދު އާއި ސުނާމީގައި ސުންނާފަތިވެގެން މީހުން ބަދަލުކުރި މ. މަޑިފުއްޓާއި ގއ. ކެރައްދޫ އަދި ސ. އިސްމައިލާހެރާ އެވެ. ނަމަވެސް ރ. އުފުލަންދޫއާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުން ފަހުން ވަނީ އެ ރަށް ކެންސަލްކޮށްފަ އެވެ. އަދި އެ ތިން ރަށަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު ހަތް ފަރާތަކުން ހުށަހަޅާފަައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.