މ. ޗަންޕާހެވަންގޭގެ ކުރިމަތީގައި ހުރި ޕާކިންޒޯންގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ކުށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމް ކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މ. ގުލްސަންޕާގޭ އަހްމަދު އަރީޝް އާއި ގދ. ރަތަފަންދޫ އައްސޭރިވިލާ އާފިރު މުހައްމަދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:15 އެހައިކަންހާއިރު އެޗްއެސްބީސީ ކައިރިން ހިނގާފަ ދިޔަ މީހެއްގެ އަތުން ދެލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުކަމުގެ ތުހުމަތުގައި ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ހާދިސާ ހިނގިނަމަވެސް އެދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން މިހާރު ވަނީ ދެވަނަ ފަހަރަށް އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ސައިކަލެއްގެ މަޑިދަށުން ދެލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގެ ތުހުމަތުގައި އެ ދެ މީހުންގެ އިތުރުން ދައުވާ އުފުލާފައި ވަނީ ގދ. ރަތަފަންދޫ އައްސޭރިވިލާ ވާފިރު މުހައްމަދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ވައްކަން ކުރުމުގެ ކުށް ސާބިތުނުވާކަމަށް ހުކުމް ކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

އެ ފައިސާތަށް ވަގަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:30 އެހައިކަންހާއިރު އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ސައިކަލްގެ މަޑިދަށުން ނަގާފައި ވަނީ ކޮން އެއްޗެއްކަމެއް ސާފުކޮށް އެނގެން ނެތް ކަމަށާއި ސައިކަލުގެ މަޑިދަށަކީ އަގު ބޮޑެތި މުދާ ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.

ސައިކަލްގެ މަޑިދަށުގައި 200460ރ. ހުރި ކަމަށް ދައުލަތުން ބުނާ ބުނުން ފިޔަވައި އެ ފައިސާ އޭގައި ހުރިކަން ސާބިތުކުރެވޭނެ އިތުރު ހެއްކެއް ގަރީނާއެއް ދައުލަތުން ހުށަހަޅާފައި ނުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.