20 May 2013, 10:28
ރާއްޖޭގެ އެކި ސަރައްދުތަކަށް މިހާރު ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން ގދ. ގައްދޫ މީހުން ދަނޑުވެރިކަން ކުރަމުން އަންނަ ފަޅުރަށެއް ކަމުގައިވާ ގދ. ގަމުގެ ދަނޑުބިންތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާގައި ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ގަމުގައި ފެންބޮޑުވެ އަލަ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
"ގަމުގައި ހައްދާ އޮޅުއަލަ ދަނޑުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން ގޮސްފައިވަނީ. ދެން އެ ފެންގަނޑު ހިނދިގެން އަޑިޔަށް ދިއުމުގެ ބަދަލުގައި އިރުގެ ގަދަ ހޫނުގެ ސަބަބުން ކެކިގެން ގޮސް އާތްވަށް ބަދަލުވެގެންދާތީ، އޭގެ ސަބަބުން ފެން ހޫނުވުމުން މިހާރު ދަނޑުތަކުގައި ހުރި ގަސްތައް މިލާމޯޅިވެ މަރުވަމުންދަނީ،" ރިޒާން ވިދާޅުވި އެވެ.
އަލަދަނޑުތަކުގެ އިތުރުން ތަރުކާރީއާ އެކި ބާވާތްތައް ހައްދަމުން ދިޔަ ދަނޑުތަކަށާއި ކަރާ ދަނޑުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށާއި ބައެއް ދަނޑުތައް ސާފުކޮށް އަލުން މުޑުވައްކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަނޑުވެރިން ހައްދަމުންދިޔަ ކަރާ، ބަރަބޯ، މިރުސް، ކިއުކަންބާ، ފަތްކެޔޮ ފަދަ ތަރުކާރީ އާއި މޭވާ ދަނޑުތައް މިހާރު އެވަނީ މުޅިން އަލުން ސާފުކޮށް ބިންގަނޑު ހަދާ މުޑުވައްކުރަން ޖެހިފައި. ދަނޑުތަކުގައި ހެދިފައި ހުރި ހަރުތަކާއި ކޮށި ފަދަ ތަންތަނާއި އެތަންތަނުގައި ދަމާފައިހުރި ދާގަނޑުތައް ވަނީ ވަޔާގޮސްފަ،"
ރިޒާން ވިދާޅުވީ ގަމުގެ ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އިތުރުން ގައްދޫގައި ހަދާފައިވާ ބަނދަރުގެ ނެރުގެ އަރިމަތީގައި ދެފަރާތުން ގަލުގެ ރިވެޓްމަންޓެއްލައިގެން ހަދާފައިވާ ތޮށިގަނޑު ގެއްލުންލިބި ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ގަމުގެ ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ކައުންސިލުން މިހާރު ފަށާފައިވާ ކަމަށެވެ.
"މިހާރު ކައުންސިލުން މިދަނީ ލިބިފައިވާ ގެއްލުންތައް ބަލައި އަދި އެގެއްލުންތައް ލިސްޓުކޮށް އަގުކުރުމުގެ މަސައްކަތް ކުރަމުން،" ރިޒާން ވިދާޅުވި އެވެ.