ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޝިޕިން ލައިނެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެސްޓީއޯ އަކީ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ މުދާ އެތެރެ ކުރާ ކުންފުންޏަކަށް ވާއިރު އެ ކުންފުނިން މުދާ އެތެރެކުރަން ރާއްޖެއަށް މުދާ އެތެރެކުރާ އެހެން ފަރާތްތަކުގެ މުދާ ވެސް ގެންނަ ގޮތަށް ޝިފިން ލައިނެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނުން މިހިރީ އަޅުގަނޑުމެންގެ ބޯޓް ފަހަރުގެ ހިންގުން ޝިޕިން ލައިނެއްގެ ސްޓްރެޓެޖީއަށް ބަދަލުކޮށްފަ އެއަށްފަހު އަޅުގަނޑުމެން އެކަންތައްތައް ފުޅާ ކުރަމުން ގެންދިއުމަށް،" ޝާހިދު އަލީ ވިދާޅުވީ އެވެ.

ޝާހިދު ވިދާޅުވީ އެސްޓީއޯ އިން ދުބާއީ އާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ދެ އާގު ބޯޓް މިހާރު ވެސް ގެންގުޅޭއިރު އެ ބޯޓްތައް ބޭނުން ކުރުމުގެ އިތުރުން، އާ ބޯޓެއް ގަނެގެން ވެސް އެކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އާގުބޯޓެއް ގަތުމުން އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ބޭހުގެ ލޮޖިސްޓިކުގެ މަސައްކަތްތަކަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ވިސްނުން ހުރީ މާލެ އާއި ކޮލޮމްބޯއާއި ސިންގަޕޫރާއި ދެމެދު ވެސް ދަތުރުތައް ކުރުމަށްކަމަށް އެސްޓީއޯއިން ބުންޏެވެ.

ޝާހިދު އަލީ ވިދާޅުވީ ޝިޕިން ލައިންގެ މަސައްކަތް ފެށޭނީ ކޮންތާރީހެއްގެ ތެރެއިންކަމެއް އަދި ބުނަން ދަތި ކަމަށެވެ. ނަމަވެސް ވަރަށް ބާރަށް އެމަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.