ޕޮލިސް އިންޓަގުރިޓީ ކޮމިޝަން (ޕީއައިސީ)ގެ ހަރު މުދަލުގެ ރަޖިސްޓުރީ ތައްޔާރުކޮށްފައިވާ ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް އެ ހަރުދުމަދުގެ ރަޖިސްޓުރީ އަޕްޑޭޓްކޮށް ބަހަލައްޓާފައި ނުވާ ކަމަށް އޮޑިޓާ ރިޕޯޓުން ހާމަވެއްޖެ އެވެ.

ޕީއައިސީގެ މިދިޔަ އަހަރުގެ ހިސާބުތައް އޮޑިޓް ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވައި އިއްޔެ ނެރުއްވި އެ ކޮމިޝަންގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓުރީ ރަނގަޅަށް ބަލަހައްޓާފައިނުވާ ކަމަށާއި އެގޮތުން ބައެއް ހަރުމުދަލުގެ އަގު އެ ރަޖިސްޓުރީގައި ހިމަނާފައިނުވާއިރު ހަރުމުދަލަށް ގެނެވޭ ބަދަލު ރަޖިސްޓުރީއިން ފެންނަން ނެތް ކަމަށެވެ.

"ހަރުމުދަލުގެ ރަޖިސްޓުރީގައި ތަނުގައި ހުންނަ މުދަލުގެ ހިސާބު އެކި ބައިބައި ވަކިވަކިން އެތަކެއްޗަށް އަންނަ ބަދަލުތައް އެނގޭގޮތަށް ލިޔެ ބަލަހައްޓަމުން ނުގެންދާނަމަ ތަނުން ހަރުމުދާ ގެއްލުމާއި ސައްހަކަމާއެކު ހިސާބު ނުކުރެވުމުގެ ފުރުސަތު އޮތްކަން ފާހަގަވޭ،" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓުރީ ބެލެހެއްޓުމަށް އެކޮމިޝަނަށް އަންގާފަ އެވެ.

އެއޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ 2012 ވަނަ އަހަރު ޕޮލިސް އިންޓަގުރިޓީ ކޮމިޝަނުން މައިގަނޑު ގޮތަކަށް ހަރަދުތައް ކޮށްފައިވަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާއި އެއްގޮތަށް ބަޖެޓުގެ މަގުސަދު ހާސިލްވާ ގޮތަށް ކަމަށް ބުނެފައިވެ އެވެ.