20 May 2013, 09:09
ހުސްވި އަހަރަކީ މާލޭގައި ބޮޑެތި މާރާމާރީތަކެއް ހިނގައި، ތޫނު ހަންޖަރުގެ ހަމަލާތަކެއްގައި އެތައް ބައެއްގެ ފުރާނަ ދުއްވާލި އަހަރެކެވެ. އެފަދަ މާރާމާރީތައް ކޮންޓްރޯލް ކުރުމަށް ރެއާއި ދުވާލު ފުލުހުން ބުރަ މަސައްކަތްތަކެއްކޮށް، މާލެ އަމާންތަކަށް ހަދާފައިވާ ކަމަށް ގިނަ ބަޔަކު ބަލައިގަތެވެ. ނަމަވެސް ފާއިތުވިި ތިން ދުވަސް ވެގެން ގޮސްފައި ވަނީ އެފަދަ ނުރައްކާތެރި ހަމަލާތަކެއް ފުލުހުން ބަޔަކަށް އަމާޒުވެގެން ދިޔަ ދުވަސްތަކަކަށެވެ. އެގޮތުން ފާއިތުވެގެން ދިޔަ 48 ގަޑިއިރުގެ ތެރޭގައި ތޫނު ހަތިޔާރުން ބޭނުން ކޮށްގެން ފަސް ހަމަލާއެއް ވަނީ ދީފަ އެވެ.
ޖެހިޖެހިގެން ދިން މިހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ މިދިޔަ ހުކުރު ދުވަހުގެ ރޭ 6:28 އެޖާކަންހާއިރު ސްޓާސިނަމާ ކައިރިން އުމުރުން 20 އަހަރުގެ ޒުވާނެއްގެ ބުރަކަށްޓަށާއި މެޔަށް ވަޅި ޖެހިތާ، އިރުކޮޅެއް ނުވެ ދެވަނަ ޒުވާނެއްގެ ބުރަކަށްޓަށް ހަމަ އެރޭ ވަޅި ޖެހި އެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ވެސް އެފަދަ ގްރޫޕް މާރާމާރީއެއްގައި ވަނީ ހިނގައިފަ އެވެ. އެ މާރާމާރީގެ އަނިޔާވި ދެ ޒުވާނުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އެ ދެމީހުންގެ ހާލު ވެސް ސީރިއަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ކޮމިޝާނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި އެމާރާމާރީތަކަކީ މާލޭގެ ޒުވާން ގޭންގް ގްރޫޕްތަކެއްގެ މެދުގައި ހިނގި މާރާމާރީތަަކެއް ކަމަށާއި އެމާރާމާރީތައް ހިންގާފައިވަނީ އެ ގްރޫޕްތަކުގެ މެދުގައި ހިތްހަމަނުޖެހިގެން ކަަމަށް މިހާތަނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ކޮމިޝަނާ ވިދާޅުވާ އެ ވާހަކަތަކާ ގުޅުން ހުރި ހަގީގަތެއް ވަނީ ފެންމަތިވެފަ އެވެ. އެއީ އެ މާރާމާރީތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ސްޓާސިނަމާ ކައިރީގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން މެޔަށާއި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ)ގެ މަރުގެ މައްސަލާގެ ކުށް ޝާބިތު ނުވެގެން ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އެވެ. އެމައްސަލާގަ ޝައިފަންގެ އިތުރުން ހިމެނޭ އަނެއް ފަސް މީހުން ވެސް ކޯޓުން ދޫކޮށްލާފައި ވަނީ ގަސްދުގައި މީހަކު މަރާލި ކަމުގެ ކުށް އެ މީހުންގެ މައްޗަށް ޝާބިތު ކުރެވޭ ވަރަށް ހެކި ބަސް ލިބިފައިނުވާތީ ކަމަށް ބުނެ އެވެ. އެހެން ކަމުގައިވާއިރު ގްރޫޕްތަކަށް ނުވަތަ ބަޔަކަށް ގާނޫނުގެ ތެރެއިން އިންސާފު ނުލިބިގެން މަގުމަތިން އިންސާފު ހޯދަން ނުުކުންނަ ހިސާބަށް ގައުމުގެ ކަންތައްތައް ގޮސްފި ނަމަ މިއީ ނުރައްކާތެރި އަދި ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް މާލެ ތެރޭގައި ހިނގާ އެފަދަ ބޮޑެތި ކުށްތައް ހުއްޓުވި މާލެ އަމާންތަނަށް ހެދުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފާއިތުވި ތިން ދުވަހުގެ މާރާމާރީތަކާ ގުޅުގެން އަނެއްކާ ވެސް އިހު އޮތް ދަރަޖައަށް އެކަންތައް ފެށުނީ ކަމުގައި ބަޔެއް ފަރާރްތަކުން ގެންދަނީ ބުނަމުންނެވެ. އެކަމުގެ ސަބަބުން އަނެއްކާ ވެސް މިވަނީ އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފަ އެވެ.
ޕޮލިސް ކޮމިޝަނާ ރިޔާޒް ވިދާޅުވީ މާލެ ތެރޭގައި އެއްވެސް ކަމެއް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ކަންތައްތައް ހައްދު ފަހަނަ އަޅައިގެން ނުދާނެ ކަމަށާއި އެއަށްވުރެ ބޮޑަށް ފުލުހުން ހުށިޔާރުވެ ފިޔަވަޅު އާޅާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭ ވަރަކަށް ކަންތައްތަކެއް ނުދާނެ. މިހާތަަނަށް ވެސް އަޅުގަނޑުމެން ވާނީ ކޮންޓްރޯލްކޮށްފަ، މިދިޔަ ދުވަސްތަކާ އާޅާ ބަލާއިރު މާލެ އާއި އަތޮޅު ތެރެ ވެސް މިވަނީ ވަރަށް ބޮޑަށް އަމާން ކުރެވިފައި، ދެން އަޅުގަނޑުމެން މިހެން ބުނާތީ ބައެއް ފަރާތްތަކުން ޗެލެންޖަކަށް ވެސް އެފަދަ ކަންތައްތައް ކުރުވާ ކަމުގެ މައުލޫމާތު ލިބޭ، ނަމަވެސް އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނެ، އަޅުގަނޑުމެން ކުށްތައް މަދުކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން، އެއްވެސް ގައުމަކީ 100 ޕަސެންޓް ކުށް ނުކުރާ ގައުމަކަށް ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މާލެތެރޭގައި އަމާންވެއްޓެއް ގާއިމްކޮށްދިނުމަށް ފުލުހުން ރެއާއި ދުވާލު ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ އެމަސައްކަތްތައް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުމަކީ ބައެއް ސިޔާސީ ފަރާތްތަކުން ކުށްވެރިންނަކީ ކުށްވެރިންގެ ގޮތުގައި ނުދެކޭ މައްސަލަ ކަމަށެވެ.
"ކޮންމެ މުޖުތަމައެއްގައި ވެސް އުޅޭނެ ބޮޑެތި ކުށްތައް ކުރާ މީހުންނާއި ގާނޫނާއި ހިލާފުވާ މީހުން، މީހުން މަރަން ވަޅި ޖަހާ މީހުންނަކީ ވެސް ކުށްވެރިންގެ ގޮތުގައި ދެކެން ބޭނުންނުވާ ސިޔާސީ ބޭފުޅުން އެބައުޅުއްވާ، އެމީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަންކަންކޮށް ފުލުހުން ބަދުނާމް ކުރުމަށް ވެސް ބަޔަކު އެބަ މަސައްކަތް ކުރޭ، އެއީ އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،" ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
ކުށްވެރިންނަށް ލިބިދޭން ޖެހޭ ހައްގު އަދަބު ނުލިބި ދޫވެގެން އުޅޭ މައްސަލައަކީ ވެސް މިފަދަ ކުށްތައް އިތުރުވެ ކުށްކުށަށް އަރައިގަތުން އިތުރުވާ މައްސަލައެއް ކަމުގައި ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގެންނަވަ އެވެ. ނަމަވެސް ގިނަ ފަހަރު މިފަދަ ކުށްވެރިން ދޫވެގެން ދާން މެދުވެރިވާ އެއް ސަބަބަކީ ހެއްކާ ބެހޭ ގާނޫނެއް ނެތުމެވެ. އަދި ކުށްވެރިންނާ ދެކޮޅަށް ހެކި ހުށަހަޅާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މިދިޔަ އަހަރު މާލޭ ތެރޭގައި ހިނގައި ދިޔަ މާރާމާރީތަކުގައި ތޫނު އެއްޗެހިން ހަމަލާދީ ޒަހަމްކޮށްލުމުގެ ހާދިސާތަކުގެ އިތުރުން ދުރާލާ ރާވައިގެން ހިންގާފައިވާ މަރުގެ ބޮޑެތި ޒަރީމާތައް ވެސް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ. މިދިޔަ އަހަރު ހިނގި އެފަދަ ހާދިސާތަކުގައި ގާތްގަނޑަކަށް 11 މީހަކު މަރާލާފައިވާއިރު އެ ހުރިހާ މައްސަލަަކެއް ވެސް ތަހުގީގު ނިންމައި މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ވަނީ ކޯޓު މަރުހަލާގަ އެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތަކުގައި މީހުންނަށް މަރުގެ ހުކުމް ވެސް ކޯޓުން ވަނީ އިއްވާފަ އެވެ.
ފުލުހުންގެ އަމާޒަކީ މިއަަހަރު ނިމެންވާއިރަށް ބޮޑެތި ކުށްތައް 20 ޕަސެންޓަށް ކުޑަކުރުން ކަމުގައި ކޮމިޝަނާ ވަނީ ވިދާޅުވެފަ އެވެ. މާލެ އަމާންތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް މިއަދު ބޮޑު ގޮންޖެހުމާ ކުރިމަތިލާން ޖެހިފައިވާއިރު ވަޅި ހެރުމުގެ ސިލްސިލާއެއް ފެށިދާނެ ކަމުގެ ބިރު އަނެއްކާ ވެސް މިވަނީ ހީވާން ފަށައިފަ އެވެ.