ސައްހަނޫން ލިޔުން ތަކަކާއެކު ދޯހާއިން ދިވެހިރާއްޖެ އަށް އައި ބަނގުލަދޭޝް މީހެއް އަތުން 825 ގުރާމުގެ ކެނަބީސް ފެނިއްޖެ ކަމަށް މޯލްޑިވިސް ކަސްޓަމް ސާވިސަސް އިން ބުނެފި އެވެ.


ކަސްޓަމްސްގައި މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ސާވިސަސް އިން ބުނީ މިމަހު 18 ވަނަ ދުވަހު 7:40 ގައި ގަތަރުގެ ދޯހާ އިން ރާއްޖެ އަށް އައި ސްމޯން މިއާ ކިޔާ ބަންގުލަދޭޝް މިހާ މަސްތުވާ ތަކެތި އެތެރެކުރުމަށް މަސައްކަތް ކޮށްފައި ވަނީ އޭނާ ގެނައި ދަބަހުގައި ޑަބަލް ފޫ އަޅައިގެން އެގެތެރޭގައި ދެ ކޮތަޅު ރަށްކާކޮށްގެނެވެ.


މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި އަތުލައިގަން މަސްތުވާތަކެއްޗާ އެކު އޭނާ އެ ދުވަހު ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި މީގެ އިތުރުން މަސްތުވާތަކެއްޗާ ހަވާލުވުމަށް އެއާޕޯޓަށް ގޮސްތިބި ކަމަށް ބެލެވޭ ބަނގުލަދޭޝް 3 މީހަކު ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.


މަސްތުވާތަކެތި އެތެރެ ކުރާ ފަރާތްތައް ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ކަސްޓަމުންނާއި ފުލުހުން މިދުވަސްކޮޅު ހިންގާކަމަށް ވެސް ކަސްޓަމުން ބުނެ އެވެ.


މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް އަވަހަށް ޝަރުއީ މަރުހަލާއާ ހަމައަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިމަހު ތެރޭގައި ބުނެފައިވެ އެވެ.


މިމަހު 13 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ވަޅިން ބިރު ދެއްކުމަށް ފަހު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.


މިމަހު ކުރީކޮޅު ސ. ހިތަދޫ ގެއަކުން އަގުބޮޑެތި ސާމާނު ތަކެއް ވަގަށް ނެގި މީހަކު ވަގަށް ނެގި އެއްޗިއްސާއި މަސްތުވާ ތަކެއްޗާ އެކު ހައްޔަރުކޮށްފައިވެ އެވެ.