20 May 2013, 00:16
ހުސްވި ހަފްތާ ބަންދުގައި މާލެ ތެރޭގައި ހިނގައި ދިޔަ މާރީމާރީތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
~
މާލެ ތެރޭގައި މި ދެތިން ދުވަހު ތޫނު ހަތިޔާރު ބޭނުންކޮށްގެން ދެމުން ގެންދިޔަ ހަމަލާތަކާ ގުޅިގެން ސަންއޮންލައިނަށް ދެއްވި އިންޓަވިއެއްގައި ރިޔާޒު ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި އެ މާރާމާރީތަކަކީ މާލެ ތެރޭގައި ޒުވާން ގޭންގް ގްރޫޕްތަކެއްގެ މެދުގައި ޖެހިގެން އުޅޭ ހަމަނުޖެހުންތަކާ ގުޅިގެން ހިންގާފައިވާ މާރާމާރީތަކެއް ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލް ނުދެއްވަ އެވެ.
އެމާރާމާރީތަކާ ގުޅިގެން މާދަމާ ފުލުހުން މީޑިއާ މައުލޫމާތު ދޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހިނގައިގެން އުޅޭ މައްސަލަތަކަކީ ޒުވާން ގޭންގް ގްރޫޕްތަކެއްގެ މެދުގައި ހިނގައިގެން އުޅޭ ކަމެއް، އަދި އެމީހުންގެ ތެރޭގައި ހިނގައިގެން އުޅޭ ހިތްހަމަ ނުޖެމެއްގައި އެމީހުންގެ ތެރޭގައި ހިނގާ ކަމެއް ކަމަށް މައުލޫމާތު ލިބެނީ،" ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ އެމައްސަލަތަކާ ގުޅިގެން މާލެ ތެރޭގައި ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި އެކަންތައްތައް ކުރި ބަޔަކު ހޯދުމަށްޓަކައި ފުލުހުން ހުއްޓާ ނުލާ މަސައްކަތްކޮށް، ގާނޫނުގެ ކުރި މައްޗަށް އެ ބަޔަކު ގެންދާނެ ކަމަށެވެ.
" އިތުރަށް އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މިގެންދަނީ،" ރިޔާޒު ވިދާޅުވި އެވެ.
ހިތަނަށް ފިނިވާ މަގާއި ނޫރާނީ ގޯޅި ގުުޅުނު ކަންމަތީގައި ހުންނަ "ހޯމް އެކްސް" ފިހާރައިގެ ތެރެއަށް ގްރޫޕަކުން ވަދެ ވަޅިން ހަމަލާދީ މިރޭ ޒުވާނަލު ޒަހަމްކޮށްލައިވާއިރު ފާއިތުވި ދެ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ހަތަރު މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަ އިރު އޭގެތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.