މިދިޔަ އަހަރުގެ އޭޕްރީލް މަހު ވެސްޓްޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓާ މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދޫކުރުން ލަސްވީ އެ މައްސަލަ ބެއްލެވި ގާޒީގެ ސަބަބުން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރު ކްރިމިނަލް ކޯޓުން ދޮގުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަތައް ނިންމެވުމަށް ފަހު ރިޕޯޓް ނުނިންމަވާ އެންމެ ގިނައިން ހުރި ގާޒީންގެ ތެރޭގައި އަލީ ޝިފާންގެ މަރުގެ މައްސަލަ ބެއްލެވި ގާޒީ ހިމެނިވަޑައިގަންނަވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރަކީ ހަގީގަތެއް ނޫން ކަމަށެވެ.

އަލީ ޝިފާން މަރާލި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ދޫކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަލީ ޝިފާން މަރާލި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެ މައްސަލައިގެ ހުކުމް ކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕީޖީ އޮފީހުން އެ ކޯޓުގައި އެދުނުކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން އެކަމަށް އެދުނުކަން ގާޒީއަށް އެނގިވަޑައިގަތީ މިއަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލީ ޝިފާން މަރާލި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދޫކުރުން ލަސްވެގެން ދިޔައީ އެ މައްސަލަ ބެއްލެވި ގާޒީގެ ސަބަބުން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް. ތެދުވާހަކައެއް އިނގޭތޯ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކޮށްފައިވާއިރު އޭގެ ހަތަރު ދުވަސް ފަހުން ރިޕޯޓު ހޯދުމަށް ޕީޖީ އޮފީހުން މި ކޯޓަށް ހުށަހެޅި. އެކަމަށް އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީ އޮތީ ރިޕޯޓުތައް ދޫކުރާ ސެކްޝަންގައި. އެ ސިޓީ ކޯޓަށް ލިބުނުކަން ގާޒީއަށް އެނގިވަޑައިގަތީ މިއަދު. ދެން ގާޒީ އަށް އެކަން އެނގިވަޑައިގެން އަމިއްލަފުޅަށް ރިޕޯޓުތަކާ ބެހޭ ސެކްޝަނުން އެ ސިޓީ ހޯއްދަވައިގެން މިއަދު އެ ރިޕޯޓު ދޫކުރީ. އެހެންވީމާ ކޮބައިތޯ މިކަމުގައި ގާޒީގެ ކުށަކީ. ޕީޖީ އޮފީހުގެ ސިޓީ ލިބުނުކަން ގާޒީއަށް ނޭނގެންޏާ ކިހިނެތްތޯ ގާޒީއަށް އެކަން ކުރެވޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަ މީހުންނާ ދެކޮޅަށް ހުށަހެޅި ހެކީންނަކީ ސިއްރުން ހެކިބަސް ދީފައިވާ ފަރާތްތަކެއް ކަމަށްވާތީ އެ މައްސަލައިގެ ރިޕޯޓު އޮތީ ހަމައެކަނި ގާޒީގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ސިއްރުން ހެކިބަސްދޭ މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި އެ ކޯޓުން އަމަލު ކުރާ ގޮތަކީ އެކަމަށް އެދި ހުށަހަޅާ ސިޓީ ރިޕޯޓު ދޫކުރުމާ ބެހޭ ސެކްޝަނަށް ލިބުމުން އެ ސެކްޝަނުން ގާޒީއާއި ވާހަކަދައްކައިގެން އެދުނު ފަރާތަށް ރިޕޯޓު ދޫކުރުން ކަމަށެވެ.

އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާން އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ މައްޗަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެ ރިޕޯޓު ލިބުމުން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމްގައި ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި އާއި ޝަރުއީ މަރުހަލާގައި ވެސް ހެކީން ދީފައިވާ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ޝަރީއަތަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން ޝުބުހައެއް އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.