19 May 2013, 21:24
ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ވަދެ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެތަނުގެ ތަކެތި ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން ތަންތަނަށް ވަދެ ތަކަތި ހިފެހެއްޓުމުގެ ބާރާއި އިޚްތިޔާރު މީރާ އަށް ލިބިގެންވާ ކަމަށް މާނަކުރެވޭނެ އެއްވެސް ގާނޫނީ ބިނާއެއް އޮތްކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ.
މީރާއިން ގެންގޮސްފައިވާ ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ހަތް ދުވަހުގެ ތެރޭގައި ރައްދު ކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރުމާގުޅިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފުވާދު ޒާހިރު ވިދާޅުވީ އެކުންފުނީގެ ތަކެތި މީރާއިން ގެންދިޔުމާ ގުޅިގެން އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ނޫސްވެރިންގެ ސަމާލުމަކަށް ގެނައުމަށް އޭރުވެސް މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވި ކަމަށެވެ.
ފުވާދު ޒާހިރު ވިދާޅުވީ މީރާއިން އެ ކުންފުނީގެ އޮފީސްތެރެއަށް ވަދެ ތަކެތި ގެންގޮސްފައި ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަމުރެއް ހިފައިގެން ގޮސްކަމަށާއި އެތަނުން ނެރެފައިވާ އަމުރެއްގެ ދަށުން އެކަން ނުކުރެވޭނެ ކަމަށް އޭރުވެސް މީރާގައި ދަންނަވާފައިވާނެ ކަމަށެވެ.
"ޓްރައިބިއުނަލް އަކީ ކޯޓެއް ނޫންކަމަށް ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި އެބަ ބުނޭ. އެހެންވީމާ ހަގީގަތުގައި މުޅި މުއާމަލާތް މީރާއިން ހިންގާފައި އޮތީ ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފަށް،" ފުވާދު ޒާހިރު ވިދާޅުވި އެވެ.
މީރާއިން ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ތެރެއަށް ވަދެފައި ވަނީ މީރާގައި ރަޖިސްޓްރީ ނުކޮށް އެތަނުން ރާއްޖޭގައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުވާދު ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީރާއިން ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށާއި އެކުންފުނިން ރާއްޖޭގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޓްރެޝާ ބިޒް އިންޓަނޭޝަނަލް އަކީ ބައިނަލް އަގުވާމީ ވިޔަފާރި ކުރުމަށް ޓްރެޝަރީގެ ފަރާތުން އުފައްދާފައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ގޮތްޕެއް ޗައިނާގެ މެއިން ލޭންޑުގައި އާއި ހޮންކޮންގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ އެފްލިއޭޓް ގޮތްޕެއް މޮރޮކޯގައި ހިނގަމުންދާ ކަމަށް ވެސް ފުވާދު ޒާހިރު ވިދާޅުވި އެވެ.
"މިރާއްޖޭގައި އެ ކުންފުނީގެ އެއްވެސް ވިޔަފާރި މުއާމަލާތެއް އެ ކުންފުނިން ނުކުރޭ. އެހެންވީމާ މީރާއިން ޝައްކު ކުރެވިގެން ވަތް މައްސަލައަކީ އެއްވެސް ކަހަލަ ރީޒަނެއް އޮތް މައްސަލައެއް ނޫން. ޓްރެޝަރީގެ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް މި ގައުމަކު ޓްރެޝާ ބިޒް ކުންފުންޏަކުން ނުހިންގާ. އެއީ ޓްރެޝާ ބިޒްގެ ނަމުގައި ހަދާފަ އޮތް އެއްވެސް ބޭންކް އެކައުންޓެއް ނޯންނާނެ. ޓްރެޝާ ބިޒްގެ ނަމުގައި ހަދާފައި އޮތް އެއްވެސް ބިލެއް ނޯންނާނެ. އެހެންވީމަ ރީޒަނަކަށް ބަލައިގެން ވަތް ވަނުމަކީ ވެސް ގާނޫނާ ޚިލާފަށް ވަތް ވަނުމެއް،" ފުވާދު ޒާހިރު ވިދާޅުވި އެވެ.
އޭނާގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު މުހައްމަދު ހަލީމް އެވެ. އޭނާވެސް ވަނީ މީރާއިން އެކުންފުންޏާ މެދު އަމަލުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވާފަ އެވެ.
ފުވާދު ޒާހިރު ވިދާޅުވީ ގާނޫނާ ޚިލާފަށް މީރާއިން އެކަން ކޮށްފައިވާތީ ބަދަލު ހޯދުމަށް މީރާގެ މައްޗަށް ދައުވާ ކުރުމަށާއި އަދި އެއަމަލުގައި ފުލުހުން ބައިވެރިވެފައިވާތީ ފުލުހުންގެ މައްޗަށް ވެސް ދައުވާ ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑު ނިންމާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ދައުވާ ކުރުމަށް. އެއީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ އަމަލު ހިންގުމުގައި މީރާ އާ ބައިވެރިވި އަމަލަކީ ގާނޫނު އަސާސީގެ 69 ވަނަ މާއްދާއާ ޚިލާފު އަމަލެއް،" ފުވާދު ޒާހިރު ވިދާޅުވި އެވެ.