ގދ. ހޯޑެއްދޫގައި އުމުރުން 10 އަހަރު އަންހެން ކުއްޖަކާ މެދު ތަފާތު އެކި ދުވަސްމަތިން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 52 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހޯޑެއްދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެމައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހޯޑެއްދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެމީހާގެ އެކަން ކުރަމުންގެންދާކަން ފަޅާ އެރީ އެ އަންހެން ކުއްޖާގެ މަންމައަށް ޝައްކުވެގެން އެކަމާ ބެހޭ ގޮތުން އެކުއްޖާއާ ސުވާލުކުރުމުން ކަމަށެވެ. އަދި އެމީހާ އެކުއްޖާއާ އެތައް ފަހަރެއްގެ މަތިން ބެހިފައިވާ ކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާކަމަށް ވެސް ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.

"އެކުއްޖާ އެލްކޭޖީގައި އުޅެނިކޮށް އެމީހާ އަމަލްތައް ހިންގަން ފެށީ، މިހާރު އެކުއްޖާ އުޅެނީ މިރަށު ސްކޫލްގެ ގްރޭޑް 4 ގައި،" އޭނާ ވިދާޅުވި އެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހަކީ އާއިލާގެ ރައްޓެހި ކަމުގައި އެގެއަށް ގޮސްއުޅޭ މީހެކެވެ.