ހަވީރުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ހަވީރުގެ މިލްކިއްޔާތު ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.


އެފަދަ ވަގުތީ އަމުރެއް ކޯޓުން ނެރެފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން "ހަވީރު ނޫސް އެޖެންސީގެ" ކުރީގެ ދެ މުއައްސިސެއް ކަމަށްވާ ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން އާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި އެފަދަ އަމުރަކަށް އެދުމުންނެވެ.


ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އިޖުރާއީ ނުކުތާއާ ގުޅިގެން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ އެ މައްސަލައިގައި މައުޟޫއީގޮތުން ބެލިގެންދާނެ ކަންތައްތަކެއް ކަމަށެވެ.

ދައުވާގައި ބުނެފައިވާ ކަންކަން ޝަރީއަތުން ބަލައި ހުކުމެއް ކުރުމުގެ ކުރިން ހަވީރު ނޫހާއި އެތަނުގެ މުދާތަށް އެހެންފަރާތަކަށް ވިއްކާލައިފިނަމަ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަށް ގެއްލުންތަކެއްވެ އެ ގެއްލުންތައް އިއާދަ ނުކުރެވޭނެ ކަންތައްތަކަކަށް ބަދަލުވެގެންދާނެކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.

"....މުހައްމަދު ޒާހިރު ހުސައިންގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ މި މައްސަލައިގައި މައުޟޫއީ ގޮތުން ބެލިގެންދާނެ ކަންތައްތަކެއް ކަމަށްވާތީ، ޝަރީއަތުން އެކަންކަން ބަލައި ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ހަވީރު ނޫހާއި އެތަނުގެ މުދާތައް އެހެންފަރާތަކަށް ވިއްކާލައިފިނަމަ، އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންއާއި ދެމީހުންނަށް ގެއްލުންތަކެއްވެ އެގެއްލުންތައް އިއާދަ ނުކުރެވޭނެ ކަންތައްތަކަކަށް ވެދާނެކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ހިނދު، މި މައްސަލައިގައި ޝަރީއަތުން ވަކިގޮތަކަށް ހުކުމް ކުރަންދެން ނުވަތަ ޝަރީއަތުން ވަކިއެއްޗެއް އަންގަންދެން، ހަވީރު ނޫހާއި އެތަނުގެ މުދާތައް އެހެންފަރާތަކަށް ވިއްކުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް މުހައްމަދު ޒާހިރު ހުސައިން އަށް އަންގައި އަމުރުކޮށްފީމެވެ،" އެ އަމުރުގައި ބުނެފައި ވެއެވެ.