އަލޯރާ ފިހާރަ ކުރިމަތީގައި ހުންނަ އިލެކްޓްރޯނިކްސް ފިހާރައެއްގެ ތެރެއަށް ބަޔަކު ވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިރޭ ވިދާޅުވީ އެހަމާލާ ދީފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 6:20 އެހައިކަންހާއިރު ކަމަށާއި އެމީހާއަށް އޭޑީކޭ ހޮސްޕޮޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ސަރަހައްދަށް ސަންގެ ނޫސްވެރިން ދިޔައިރު ފުލުހުންގެ ފޮރެންސިކް ޓީމުން ގެންދަނީ "ހޯމްއެކްސް" ނަމަކަށް ކިޔާ އެ ފިހާރައިގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ. އޭރު ފިހާރައިގެ ތަޅުންގަނޑުގެ އެކިތަންތަނަށް ލޭ އެޅިފައި ހުއްޓެވެ.

އެސަރަހައްދުގައި ހުރި މީހަކު ބުނީ ގްރޫޕަކުން އެ ފިހާރައިގެ ތެރެއަށް ވަދެ އެމީހާ އަށް ހަމަލާދިނީ، އޭނާ އެމީހުންނަށް ފިލަންވެގެން ގޮސް ފިހާރައިގެ ކައުންޓަރު ތެރޭގައި އޮއްވާ ކަމަށެވެ. އެހަމާލާގައި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޅިހަރައި ޒަޚަމްކޮށްލައިފައިވާ ކަމަށް ވެސް އެނާ ބުންޏެވެ.

އެޒުވާނާ އަށް ހަމަލާދިނުމަށް ފަހު އެމީހުން އެސަރަހައްދުން ފިލައިގެން ދިޔަ ފަހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފިހާރައިގެ މީހުންގެ އެހީތެރިކަމާ އެކު ސައިކަލެއްގަ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހިގީގު ކުރަމުނެވެ. މި މީހާއާ އެކު މިމަހުގެ ތެރޭގައި ފަސް މީހަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ.