19 May 2013, 18:18
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކާ މެދު އަވަހަށް ގޮތެއް ކަނޑައަޅައިދިނުމަށް އެ ކޮމިޝަނުން ހައިކޯޓުގައި އެދިއްޖެ އެވެ.
ޖޭއެސްސީގެ ޑެޕިއުޓީ ލީގަލް އޮފިސަރު އަދި ސެކްރެޓަރީ ޖެނެރަލްގެ މުސްއޫލިއްޔަތާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޒޫނާ މުހައްމަދު ސޮއިކުރައްވައި ހައިކޯޓަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއަށް އެންމެ ފަހުން ބޭއްވީ ޝަރީޢަތުގެ މަޖިލީހުގައި ނަޝީދު ޖަވާބު ދާރީވެވަޑައިގެންފައިވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވެވަޑައިގަތުމުން، ވަރަށް އަވަހަށް އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ޝަރީއަތުގެ މަޖިލީހުން އިއުލާން ކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
އިޖުރާއީ ނުކުތާއަށް ނަޝީދު ޖަވާބުދާރީވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށްފަހު މިއަދާ ހަމައަށް ހަތް ދުވަސް ވެގެންދިޔަ އިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާފައި ނުވާކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
ޖޭއެސްސީގެ އިޖުރާއީ ނުކުތާގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓުގެ ބެންޗު އެކުލަވާލާފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި އެހެންކަމުން އެއީ ސުޕްރީމް ކޯޓުގެ ނިންމުމާކާއި އެއް ދަރަޖައެއްގެ އެއްޗެއް ކަމަށެވެ. ނަމަވެސް ނަޝީދުގެ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފައަކީ އެ ކޯޓުން ނިންމާ ނިންމުމަކާ އެއްދަރަޖައެއްގެ އެއްޗެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.