19 May 2013, 17:38
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗަކީ ވަރަށް ފަސޭހަ މެޗަކަށް ވާނޭ ކަމަށް ވިކްޓަރީގެ ކޯޗު ވަލްޑަމީރު ގޮފާ ބުނެފި އެވެ.
މިއަދު މެންދުރު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާދަމާގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިއުރޭޑިއެންޓަށް 2006 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުނީ ނިއު އަކީ ވިކްޓަރީއަށްވުރެ ހުރިހާ ގޮތަކުން ވެސް މިސީޒަންގައި ވަރުގަދަ ޓީމެއް ކަމަށާއި އެހެން ކަމުން އޭނާގެ ޓީމަށް މާދަމާގެ މެޗުގައި އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.
"ނިއުއަކީ ހުރިހާ ގޮތަކުންވެސް އަހަރެމެންނަށް ވުރެ ވަރުގަދަ ޓީމެއް. އެހެންވީމާ މާދަމާގެ މެޗަކީ ވަރަށް ފަސޭހަ މެޗަކަށްވާނެ. ވަރަށް ފަސޭހަވާނެ. އެނގޭތަ ކީއްވެގެންކަން؟ ސަބަބަކީ އަހަރެންގެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް،" ގޮފާ ބުންޏެވެ.
ގޮފާ ބުނީ މާދަމާގެ މެޗަށް ނުކުންނައިރު އޭނާގެ ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ ކެމަރޫން މިޑްފީލްޑަރު ޗިންޑާ ޗިޒީ ކަކާ އަށް ދެކާޑު ހަމަވުމުގެ ސަބަބުން މާދަމާގެ މެޗުގައި ނުކުޅެވުން ކަމަށެވެ.
ހުސްވި ހަފްތާގައި އޭއެފްސީ ކަޕްގެ ދެވަނަ ބުރުގައި މެލޭޝިޔާގެ ސެލަންގޯއާ ދެކޮޅަށް ކުޅެ ދޭއްސުމަކުން މެޗު ކާމިޔާބުކޮށް އެމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ނިއުރޭޑިއެންޓް މާދަމާ ދިވެހި ލީގުގެ މެޗަށް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު ނިއު އޮތީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. އަދި ވިކްޓަރީ މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު ދެމެޗުން މޮޅުވެ، ތިންމެޗުން ބަލިވެ، ލިބުނު ހަތް ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.
ވިކްޓަރީގެ ކޯޗު ބުނީ ވިކްޓަރީން މިސީޒަންގައި މިހާތަނަށް ދައްކާފައިވާ ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ލީގު ތާވަލުގައި ޓީމު މިހާރު އޮތް ހިސާބަށް ބަލާއިރު ވިކްޓަރީއަށްވުރެ އެހެން ކުލަބުތައް ރަނގަޅުކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"ސީޒަން ފެށުނު އިރާ އަޅާ ބަލާއިރު ވިކްޓަރީ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ. ވީބީއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް ވިކްޓަރީ ވަނީ ވަރަށް ރަނގަޅަށް ކުޅެފައި. އެކަމަކު ވެސް ފުރަތަމަ ބުރު ނިމުމަކަށް އައިއިރު ވިކްޓަރީ މިއޮތީ ހަތް ޕޮއިންޓާއެކު ހަތް ވަނައިގައި. އޭގެ މާނައަކީ އެހެން ޓީމުތައް އަހަރުމެންނަށްވުރެ މޮޅޭ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް،" ގޮފާ ބުންޏެވެ.
ނިއުރޭޑިއެންޓާއި ވިކްޓަރީ މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗު ގޮފާ ސިފަ ކުރިގޮތުގައި އެއީ މިނިކާ ވަގާއި މުސަޅުގެ ކުރިމަތި ލުމެކެވެ. އެހެން ނަމަވެސް ގޮފާ ބުނީ ނިއު ދެކެ ވިކްޓަރީ އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށާއި އެއަށް ވުރެ ބޮޑަށް ވިކްޓަރީ އޮތީ މާދަމާގެ މެޗަށް ތައްޔާރު ވެފައި ކަމަށެވެ.
"މާދަމާގެ މެޗު އަހަރެން ސިފަކުރާނީ މިކާ ވަގާއި މުސަޅުގެ ކުރިމަތި ލުމެއްގެ ގޮތުގައި. އެކަމަކު އަހަރެމެން ބިރެއް ނުގަނޭ. އެހެން ޓީމުތަކެކޭ އެއްގޮތައް އަހަރެމެންވެސް ރެސްޓެއް ނުކުރަން. މި މެޗަށް ތައްޔާރު ވަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އަހަންނަކަށް ނޭނގެ ބުނާކަށް އަހަރެމެން ކިހާ ރަނގަޅަށް ކުޅޭނޭ ކަމެއް. އެހެން ކުލަބު ތަކެކޭ އެއްގޮތަށް ވިކްޓަރީގައި ވެސް ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. އެކަމަކު އަހަރެމެން މަސައްކަތް ކުރާނަން މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ،" ގޮފާ ބުންޏެވެ.
މާދަމާގެ މެޗާ ބެހޭގޮތުން ނިއުރޭޑިއެންޓުން ބުނީ އެކުލަބު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އަދި ލީގުގައި މިހާތަނަށްވެސް ހޯދަމުން އައި ކާމިޔާބުތައް އިތުރަށް ތަކުރާރު ކުރުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ނިއުރޭޑިއެންޓާއި ވިކްޓަރީ ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00ގަ އެވެ.