19 May 2013, 17:24
އާތާ ބްރަދާސް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ހަދާފައިވާ ކުންފުނީގައި ހިއްސާވާ ފްރާންސްގެ ރައްޔިތެއްކަމަށްވާ ގޮޑާޒިން ސަގަސްޔާން އާއި އޭނާއާ އެކު ހައްޔަރުކުރި ދިވެހި މީހާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ގޮޑާޒިން ސަގަސްޔާން އާއި ހުޅުމާލޭ ފްލެޓް 40-2-5 އަހްމަދު ނިޝާން، 31، ގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދު ކަމަށެވެ.
"ފްރާންސްގެ ރައްޔިތެއް ކަމަށްވާ ގޮޑާޒިން ސަގަސްޔާން އާއި ހުޅުމާލޭ ފްލެޓް 40-2-5 އަހްމަދު ނިޝާން ގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައި ވަނީ މިއަދު. އެ ދެ މީހުންގެ ބަންދަށް އިތުރު ކުރި މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހު،" ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަކަރާއި ހީލަތް ހެދުމާއި މާރާމާރީ ހިންގުމުގެ އިތުރުން ސައްޚަ ނޫން ލިޔެކިޔުންތައް ދައުލަތުގެ މުއައްސަސަސާތަކަށް ހުށަހެޅުމުގެ ތުހުމަތު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މީހުންގެ ތެރެއިން ފްރާންސްގެ ރައްޔިތެއް ކަމަށްވާ ގޮޑާޒިން ސަގަސްޔާން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާ އަކީ އާތާ ބްރަދާސް އިން ރާއްޖޭގައި ހެދި "އާތާ ބްރަދާޒް ވޯލްޑް ކަނެކްޝަން" ކުންފުނީގެ ހިއްސާ އޮންނަ މީހެކެވެ.
އެ މައްސަލައިގައި ދެން ފުލުހުން ހޯދަމުން ގެންދަނީ ހ. އެވަޗާންސް އަހުމަދު ވިޝާލް، 28، އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ އިސް ފަރާތްތަކާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގުމުގެ އިތުރުން ޑްރަގްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ، އަރްމީނިއާގެ، އާތާ ބްރަދާސްގެ ތެރެއިން ރާއްޖެ އައި މީހުންގެ ތެރެއިން އާތާ ބްރަދާސް ހޯލްޑިންގްސްގެ ޗެއާމަން އަރުތޫރު ސަރަގްސިޔަން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.