ޑީއާރުޕީ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމަށްފަހު ރޭ 9:00 ޖެހިރު އެ ސަރަހައްދުން، ފެށި މުޒާހަރާގެ ބައިވެރިން މުލީއާގޭ ދޮށަށް ދިއުމަށް ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މާޖީދީމަގުން ހުޅަނގަށް ގޮސް ސޯސަންމަގުން ދެކުނަށް ގޮސް މެދުޒިޔާރަތްމަގުން ދާށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ސޯސަންމަގު ހުރަސްކޮށް އެތުރިގެންތިބި ފުލުހުންގެ ސަފުތެރެއިން ފުރޭނިގެން މެދުޒިޔާރަތްމަގަށް އެޅުމުން މަޖީދިއްޔާ ސްކޫލްގެ މައިގޭޓާ ހަމައިން މަގު ހުރަހަށްތިބި ސަލާމަތީ ފުލުން އެއްވެސް އިންޒާރެއްނެތި މުޒާހަރާ ރޫޅައިލުމަށް ކަރުން ގޭސް ބޭނުންކުރި އެވެ. ފުލުހުން ފުރަތަމަ އެއްލި ގޭސް ޓެމިސްޓާ، މުޒާހަރާ ކަވަރު ކުރަމުންދިޔަ ދިޓީވީގެ ކެމެރާމަން ހަސަން ނިޝާނާންގެ  ބޮލުގައިޖެހި އޭނާއަށް ވަރަށްބޮޑަށް އަނިޔާވެފައި ވެއެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ފުލުހުންނާއި އާއްމުންނާ ދެމެދު ވެސް ކޮންމެސް ވަރަކަށް ކުރިމަތިލުންހިނގައި ގިނަ އާއްމުން މީހުންނަށް ވެސް އަނިޔާތައް ލިބުނެވެ.


ފުލުހުން އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ގަޔަށް ކަރުނަ ގޭސް އުކައި މުޒާހަރާގެ ބައިވެރިން ވިއްސިވިހާލި ކޮށްލި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޑީއާރުޕީގެ ޑީޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފަހަތުގައި އެތައް ބަޔަކު އަނެއްކާވެސް މުޒާހަރާކުރަމުން ސޯސަންމަގުން ދެކުނަށްގޮސް ބޮޑުތަކުރުފާނުމަގަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދިމާލަށް މިސްރާބު ޖެހި އެވެ. ނަމަވެސް ފޮރިން މިނިސްޓްރީކައިރިން، ކަރުނަގޭހާއި ޕެޕަސްޕްރޭ އާއި ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ މުޒާހަރާ ބައިބައި ކޮށްލައިފަ އެވެ. އެސަރަހައްދުގައި ވެސް ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި ބައެއް އާއްމުންނަށް ކުދި އަނިޔާތައް ލިބުނެވެ. އަދި ފޮރިން މިނިސްޓްރީގެ އަރިމަތީ ގޯޅިގަނޑަށް ވަނުމަށް، މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް އަންގުމާއެކު ނޫސްވެރިން އެ ގޯޅީގެތެރެއަށް ޖެހުމުން އެއްވެސް އިންޒާރެއްނެތި ނޫސްވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ އާއި މުގުރު ބޭނުންކޮށް ގެން ފުލުހުން ވަނީ ތަކުރާރުކޮށް ނޫސްވެރިންނަށް އަނިޔާކޮށްފަ އެވެ. އެކަމުގެ ސަބަބުން އެތައް ނޫސްވެރިންނަކަށް އަނިޔާވި އެވެ. އޭގެތެރެއިން ބައެއް ނޫސްވެރިންގެ ގައިގައި، ފުލުހުން ބޫޓޫންނާއި، މުގުރުން ތަޅާފައިވެ އެވެ. އެ ސަރަހައްދުން އަނިޔާވި ނޫސް ވެރިންގެ ތެރޭގައި، ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ހުސައިން ފަރިޔާޒާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ފަޔާޒު ޔޫސުފާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް އަހުމަދު ޖަދުއާނާއި މިއަދު ނޫނުގެ ރިޕޯޓަރު ޝަހީދާ ސައީދާއި ދި އެފްއެމް ގެ ޖާނާލިސްޓް އިބްރާހީމް ޝާފިއު އާއި ދިއެފްއެމްގެ ޖާނަލިސްޓް މުހައްމަދު ޖިނާހު އާއި ހަވީރުގެ ފޮޓޯގްރާފަރު ނަސުރުﷲ އަލީ ހިމެނެ އެވެ.


 މީގެ ތެރެއިން ޝަހީދާގެ ގައިގައި ފުލުހުން ބޫޓުން ޖެހުމުގެ ސަބަބުން އޭނާ ބިއްމައްޗަށް ވެއްޓުމުން އޭނާ އެ ސަރަހައްދުން ގެންގޮސްފައިވަނީ އެހެން މީހުންގެ އެހީއާއެކު އެވެ. އަދި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެ ސަރަހައްދަށް ވެއްޓުނު ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ހުސައިން ފަރިޔާޒާއި ވީޓީވީގެ ވީޑިއޯ ޖާނަލިސްޓް ފަޔާޒު ޔޫސުފު ފުރަގަހަށް ބިޑިއެޅުވުމަށްފަހު ފުލުހުން ހައްޔަރުކޮށްފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދިމާލުން މެދުޒިޔާރަތްމަގަށް އެއްވި މީހުން ރޫޅައިކުމަށް ފުލުހުން ކުރި މަސައްކަތުގައި،  ދިޓީވީ ޖާނަލިސްޓް ހުސައިން އަމީނުގެ އިތުރުން ބައެއް އާއްމުންނަށް ވެސް އަނިކޮށްފައިވެ އެވެ.


ރޭ ދަންވަރު ގާތްގަނޑަކަށް 1:00 ޖަހައި ބޮޑުވަންދެން ކުރިއަށްދިޔަ މުޒާހަރާ، އެކި މަރުހަލާތައް  ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅައިލި ނަމަވެސް އަލުން އެކުވެ ހަތަރު ފަހަރެއްގެ މަތިން މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް އެއްވި އެވެ. އޭގެ ތެރޭގައި މެދުޒިޔާރަތް މަގާއި ފޮރިން މިނިސްޓްރީ ކުރިމަތިން ބޮޑުތަކުރުފާނު މަގުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަރިމަތީ ގޯޅިންގޮސް މެދުޒިޔާރަތް މަގުގެ އިތުރުން އަލިކިލެގެފާނުމަގު ހިމެނެ އެވެ.


މުޒާހަރާގެ ބައިވެރިންގެ މިސްރާބު ހުރިގޮތުން އެއިން ކޮންމެ ފަހަރަކުވެސް އެމީހުން މަސައްކަތްކޮށްފައި ވަނީ ރައީސުލް ޖުމްހޫރިއްހާ މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުލީއާގޭދޮށަށް ދިއުމަށެވެ. ރޭގެ މުޒާހަރާ ރޫޅައި ލުމުގައި ބައެއް ސަރަހައްދުތަކުގައި ފުލުހުން އިންޒާރުދިން ނަމަވެސް އަނެއްބައި ސަރަހައްދުތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ އެއްވެސް އިންޒާރަކާނުލަ އެވެ. އަދި އަލިކިލެގެފާނު މަގަށް އެއްވި މީހުން ރޫޅައިލުމަށް ފުލުހުން ކަރުނަގޭސް ބޭނުންކުރުމުން ސަލާމަތްވުމަށް ދުއްވައިގެން މީހުންގެ ތެރެއިން ބަޔަކު އެމަގުގައި ހުރި މީހުން އުޅޭ ގޯޅީގަނޑަކަށް ވަނުމުން، އެ ގޯޅިގަނޑުގައި ހުރި ގެއަކުންނިކުތް އަރަބިއްޔާގެ ގްރޭޑް އެގާރައިގައި ކިޔަވަމުންދާ އަހުމަދު ނަޝީދު ބިޑިއަޅުވައިގެން ފުލުހުން ހައްޔަރުކޮށްފައި ވެއެވެ.


އެކުއްޖާގެ ބައްފަ ބުނީ، މިއަދު ޓެސްޓް އޮތުމުން އޭނާގެ ދަރިފުޅު ސިޓިންރޫމުގައި އިނީ ފިލާވަޅު ދަސްކުރަންކަމަށެވެ. ނަމަވެސް ގޯޅިގަނޑަށް ބަޔަކު ވަދެގަތް ވަގުތު ދަރިފުޅު  ނުކުތުމުން ފުލުހުން ކަރުނަގޭސް ޖެހުމަށްފަހު ހައްޔަރުކުރީކަމަށެވެ. އެކުއްޖާ ހައްޔަރުކޮށްގެން ގެންދިޔައިރު، އޭނާހުރީ އަމިއްލަ ގޭގައި ކަމަށް ވެސް އެކުއްޖާ ގޮވަމުންދިޔަ އެވެ.


މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފާއި، ލިލަންދޫ ދާއިރާގެ އަހުމަދު މުހުސިން ހަމީދާއި، ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވެސް ފުލުހުން ހައްޔަރުކޮށްފައ ވެއެވެ.


އުނބައްޖެހި ކެބިނެޓްގެ ނަމުގައި ޑީއާރުޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާނުލައި މިހާރު އޮތް ވަޒީރުންގެ މަޖިލީހަކީ، ޣައިރުގާނުނީ މަޖިލީހެއްކަމަށް ގޮވަމުންދިޔަ މުޒާހަރާއެކެވެ. ނަމަވެސް މުޅި މުޒާހަރާގައި ވެސް ފުލުހުންގެ އަމާޒަކަށް ރޭވީ ނޫސްވެރިންނެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންނާއި ނޫސްވެރިންނާ ދެމެދު ކުރިމަތިލުންތަކެއް އައީ މުޒާހަރާގެ ސަރަހައްދުތަކުގައި ފުލުހުން އަންގާ ގޮތުގެ މަތިން ނޫސްވެރިންގެ އަމަލުތައް ނުބެހެއްޓުމުން ކަމަށާއި އެއީ ފުލުހުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.


އޭނާ ވިދާޅުވީ މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމަށް "ހަގީގީ ނޫސްވެރިން" ނެރެދިނުމަށާއި ނޫސްވެރިން އެކްރެޑިޓްކޮށް ދިނުމަށް 2006 ވަނަ އަހަރުން ފެށިގެން ފުލުހުން މިޑިޔާގެ ދާއިރާތަކުގައި އެދެމުން އަންނަ ކަމަށާއި މިހާނަތަށް ވެސް އެކަންކަން ތަންފީޒުވެފައި ނުވާ ކަމަށެވެ.


އޭނާ ވިދާޅުވީ ރޭގެ ހާލަތަކީ "އާދައިގެ ހާލަތެއް ނޫން" ކަމަށާއި އެ ހާލަތުގައި ފުލުހުން އަންގާ ގޮތާ ހިލާފަށް ނޫސްވެރިންގެ އަމަލުތައް ބަހައްޓާފައިވާ ކަމަށެވެ.


"މިފަދަ ހާލަތްތަކުގައިތެރެއަށް ނޫސް އިދާރާތަކުގެ އިދާރީ މީހުންނާއި ވެރިންނާ ޓެކްނީޝަނުން، އެކްޓިސްޓިވިސްޓުންނެކޭ އެއް ގޮތަށް ހަރަކާތްތެރިވާތަން ފެނޭ، އެއީ ހަގީގީ މީޑިޔާއެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ރޭގެ ހާލަތު އެ ގޮތަށް މެދުވެރިވިޔަ ނުދިނުމަށް ފުލުހުންނާ ގުޅިގެން ނޫސް އިދާރާތަކުން ކުރިޔަށް އޮތަނުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެހެން ނުވާނަމަ ރޭ ހިނގިފަދަ ހާދިސާތައް އަދިވެސް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.