19 May 2013, 16:05
ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްގީކުރަން އަލަށް ހުޅުވާލި ތިން ރަށަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފަައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ރިސޯޓް ތަރައްގީކުރަން ތިން ރަށަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް ވަރަށް އަވަހަށް ދިރާސާކުރަން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން މިފަހަރު ހުޅުވާލި ރަށްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފަައި ވަނީ. އެ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު އެ ފަރާތްތަކަށް ފުރުސަތު ދޭނަން އެކުއިޒިޝަން ކޮސްޓް ހުށަހަޅަން. މިފަހަރު ހުޅުވާލާފައި މިވަނީ ވަރަށް ރަނގަޅު ރަށްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ތަރައްގީކުރަން އަލަށް ހުޅުވާލީ ރ. އުފުލަންދު އާއި ސުނާމީގައި ސުންނާފަތިވެގެން މީހުން ބަދަލުކުރި މ. މަޑިފުއްޓާއި ގއ. ކެރައްދޫ އަދި ސ. އިސްމައިލާހެރާ އެވެ. ނަމަވެސް ރ. އުފުލަންދޫއާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅުމާ ގުޅިގެން ވަގުތީ އަމުރެއް ނެރުމުން ފަހުން ވަނީ އެ ރަށް ކެންސަލްކޮށްފަ އެވެ.
ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްގީކުރަން އަލަށް ހުޅުވާލި ތިން ރަށަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ މުއްދަތު ހަމަވީ ބުރާސްފަތި ދުވަހު އެވެ.
އެ މިނިސްޓްރީން ކުރިން ނެރުނު އިއުލާނުގައި ވަނީ ރިސޯޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ މާލީ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށެވެ. އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު އިއުލާންކުރާނީ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާއިރު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.