މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހުންގެ ތެރެއިން އެކަކީ މ. ފެއަރީކޯނާ އަލީ ޝިފާން މާރާލިކަމުގެ ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މީހުންގެ ތެރޭގައި ހިމެނޭ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން ކަމަށް ފުލުހުން ބުނެފި އެވެ.

ސަން އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ޝައިފަން އަށް ހަމަލާދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސްޓާ ސިނަމާ ކައިރިން ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"މިހާނަތަށް އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާނެ. އެހެންނަމަވެސް އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ޝައިފަން ހިމެނޭގޮތަށް އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމްގައި ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި އާއި ޝަރުއީ މަރުހަލާގައި ވެސް ހެކީން ދީފައިވާ ހެކި ބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ޝަރީއަތަށް ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން ޝުބުހައެއް އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.