ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު ރައްޔިތުންނަށް ހުށަހަޅުއްވާނީ އެމަނިކުފާނާއި އެކު ކޯލިޝަން ހައްދަވާފައިވާ ހުރިހާ ޕާޓީތަކުން އެއްބަސްވާ ކޯލިޝަނުގެ މެނިފެސްޓޯ އެއް ކަމަށް ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

އައްބާސް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީގެ ރައީސް ޑރ. ވަހީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނުކުންނަވާއިރު ހުށަހަޅުއްވާ މެނިސްފެސްޓޯ ތައްޔާރުކުރައްވާނީ ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ރައީސް ވަހީދު ހުށަހަޅުއްވާނީ ކޯލިޝަނުގެ ހުރިހާ ޕާޓީތައް އެކުވެގެން އެކުލަވާލައްވާ މެނިފެސްޓޯއެއް. އެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ ކޯލިޝަނުގެ ހިމެނޭ ފަރާތްތަށް އެކުވެގެން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކޯލިޝަނުން ހުށަހަޅާ މެނިފެސްޓޯއަކީ ހުސް ވައުދުތަކަށް ނުވާނެ ކަމަށެވެ. އަދި ރައީސް ވަހީދުގެ ކޯލިޝަނުން ނެރޭ މެނިފެސްޓޯ އާންމުކޮށް ރައްޔިތުންނަށް ހުށަހަޅާނީ ރިޔާސީ އިންތިހާބަށް ރައީސް ވަހީދުގެ ނަންފުޅު އިލެކްޝަންސްއަށް ހުށަހެޅުމަށްފަހު ކަމަށް އައްބާސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެނިސްފެސްޓޯއާއެކު ބައިތައް އިއުލާން ކުރަމުންދާ ދިއުމަށް އައްބާސް ފާޑު ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮށްއުޅޭ ކަމެއްނޫން އެއީ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެކުރިން މެނިފެސްޓޯ އިއުލާން ކުރުން. ރަށަރަށް އަރާވަޑައިގެން ނަޝީދު އެކުރައްވާހެން އެކި އެކި އެތިކޮޅު މެނިފެސްޓޯ. އެއީ އަދި ރިޔާސީ ކެންޑިޑޭޓެއްވެސް ނޫން،"

ރައީސް ވަހީދުއާއެކި ޑީއާރުޕީއާއި އަދާލަތު ޕާޓީއާއި އަދި ގައުމީ ޕާޓީން ވަނީ ކޯލިޝަން ހަދާފަ އެވެ. އަދި އެ ކޯލިޝަނާއެކު އަންނަ ހުކުރު ދުވަހު ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ނިންމާފަ އެވެ.