މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ޑިވިޒަންގައި ވާދަކުރަމުން އަންނަ ބީޖީ ސްޕޯޓްސް އަށް ބިދޭސީ ދެ ކުޅުންތެރިން ގެނެސްފި އެވެ.

އައިވަރީ ކޯސްޓުގެ ފޯވަޑް ބީޖީއާ ގުޅުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ސާބިއާގެ މިޑްފީލްޑަރު އެ ޓީމާ ގުޅުނީ މިދިޔަ ހުކުރު ދުވަހު އެވެ.

ސަންއަށް ދެއްވި އިންޓަވިއުގައި ބީޖީގެ ޗެއާމަން އަލީ މުރާދު މިއަދު ވިދާޅުވީ އެޓީމަށް އަލަށް ގެނައި ބިދޭސީ ދެކުޅުންތެރިން ނަކީ އައިވަރީ ކޯސްޓުގެ ފޯވާޑަކާއި ސާބިއާގެ މިޑްފީލްޑަރެއް ކަމަށެވެ. އަދި އެކުޅުންތެރިން މިއަދުން ފެށިގެން ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ ކަމަށް މުރާދު ވިދާޅުވިއެވެ.

"ޓީމް އިތުރަށް ވަރުގަދަ ކުރަން އަޅުގަނޑު މެން މިހާރު ވަނީ ބިދޭސީ ދެ ކުޅުންތެރިން ގެނެސްފަ. އެ ދެކުޅުންތެރިން ވެސް ގެނައީ ބޮޑު މުސާރައިގައި. އެ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް ރަނގަޅަށް ބެލުމަށް ފަހު ގެނައި ދެ ކުޅުންތެރިން." މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ، ޓީމުގެ ފަރިތަކުރުންތަކުގައި އެ ދެކުޅުންތެރިން ބައިވެރިވި ކަމަކު، ޓީމުގައި ބަހައްޓާނީ ކުލަބުން ގަބޫލް ކުރާވަރުގެ ފެންވަރެއް އެކުޅުންތެރިންގެ ކިބައިގައި ހުރެއްޖެ ނަމަ ކަމަށެވެ.

ބީޖީއާ އަލަށް ގުޅުނު ދެ ބިދޭސީ ދެކުޅުންތެރިންގެ އިތުރުން، މިހާރު އެޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ އަދަދަު ވަނީ ތިނަކަށް އަރައިފައެވެ. މީގެ ކުރިން އެޓީމުގައި ހުރި ބިދޭސީ ކުޅުންތެރިޔަކީ މިދިޔަ އަހަރު ނިއުއަށް ކުޅުނު ނައިޖީރިއާގެ ޑިފެންޑަރު ކުޑޫސް އެވެ.