ވިހެއުމާ ގުޅިގެން އަންހެނުންނަށް ދެމުން އަންނަ ޗުއްޓީ ބަންދު ދުވަސްތަށް ނުލައި ދޭގޮތަށް ދިވެހި ސިވިލްސާވިސްގެ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފި އެވެ.

ސިވިލްސާވިސްގެ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން ވިހެއުމާ ގުޅިގެން އަންހެނުންނަށް ދެމުން ގެންގޮސްފައި ބަންދު ދުވަސްތައް ނުލައި މުޅި ޖުމްލަ 60 ދުވަހުގެ ޗުއްޓީއެކެވެ. ނަމަވެސް މިހާރު ގަވާއިދު އިސްލާހުކޮށްފައިވާގޮތުން ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ބަންދު ދުވަސްތަކާ އެކީގައި ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ސިވިލްސާވިސް ގެ އަންހެން މުވައްޒަފުންނަށް ލިބޭނެއެވެ.

މިކަމާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ ގަވާއިދު އެގޮތަށް އިސްލާހުކޮށްފައި ވަނީ އަންހެން ބޭފުޅުން ވިހެއުމަށްފަހު ދަރިފުޅާއި މަންމައަށް ފުރިހަމަ ސިއްހަތަކަށް އާދެވިގެން އޮފީހަށް ނުކުތުމަށް މަގު ފަހި ކުރުމުގެ ގޮތުން ކަމަށެވެ.

މީގެކުރިން ގަވާއިދު އެކުލަވާލެވިފައި އޮތްގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އަންހެން މުވައްޒަފުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.