ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަން މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް، މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ސީއެސްސީގެ މެންބަރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 11 އިން 21ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހަ ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަމެއް މަޖިލީހަކުން އަދި ހާމައެއް ނުކުރެ އެވެ. އެބޭފުޅުންގެ ނަންތައް ހާމަކުރާނީ އެ ބޭފުޅުންގެ ކުށުގެ ރެކޯޑާއި އެ މެންބަރުން މަގާމުގެ ޝަރުތު ފުރިހަމަވާ ނަމަ އެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް އެ ބޭފުޅުން ތަޖުރިބާ ވަޒަން ކުރާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު 75 ޕަސެންޓް މަތިން މާކްސް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. މާކްސް ލިބިވަޑައިގެންނެވި ތަރުތީބުން އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އިއްވުމަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވާ ބޭފުޅަކު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރާނެ އެވެ.

ސީއެސްސީގެ މެންބަރު ފަހުމީގެ މައްޗަށް ޖިންސީ ކުށުގެއްގެ މައްސަލައެއް ކޮމެޓީން ތަހުގީގު ކުރުމުން އޭނާގެ މައްޗަށް އެކަން ސާބިތުވި ކަމަށް ކޮމެޓީން ނިންމައިފައިވާތީ، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ.

ނަމަވެސް މަޖިލީހުގެ އެ ނިންމުން ސްޕްރީމް ކޯޓުން ބާތިލް ކުރުމުން ފަހުމީ އަނެއްކާ ވެސް ވަނީ އެ މަގާމަށް ނުކުންނަވާފަ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބުނެފައި ވަނީ ފަހުމީއަށް އަލުން އެ މަގާމަށް އާދެވޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ނުވާ ކަމަށާއި އެހެންކަމުން އެ މަގާމަށް އެހެންބޭފުޅަކު އައްޔަން ކުރާންޖެހޭނެ ކަމަށެވެ.