19 May 2013, 14:12
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް މުހައްމަދު ވަހީދު ނަންތަކެއް ކަނޑައަޅުއްވައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ހިމެނިވަޑަައިގަންނަވަނީ ނަލަހިޔާ ހޮޓެލްގެ އެއް ޑިރެކްޓަރު މުހައްމަދު އަމްޖަދާއި، އަބްދުﷲ ޝަފީއު، ހަސަން އިބްރާހިމް، އަލީ ފާރިސް، ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް، އަހުމަދު އަފްރާހު އަދި މުހައްމަދު ޔާސިރެވެ.
ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ރައީސް ކަނޑައެޅުއްވި ނަންތައް ދިރާސާކުރަމުން އަންނަ ކަމަށެވެ.
އެ ގާނޫނުގަައިވާ ގޮތުން އެ ބޯޑު އެކުލެވިގެންވަނީ ރައީސަކާއި ނައިބު ރައީސަކާއެކު ރައީސުލްޖުމްހޫރިއްޔާ ޖުމްލަ ހަތް މެމްބަރުންގެ މަައްޗަށެވެ. އަދި މެމްބަރުން އައްޔަންކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށް ވެސް ޕްރައިވެޓައިޒޭޝަން ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެ ބޯޑު އެކުލަވާލުމަށްފަހު ނަންތައް މަޖިލީހަށް އަދި ފޮނުވާފައިނުވާ ކަމަށެވެ.
ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާއި މޮނީޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯ ޕްރައިވަޓައިޒޭޝަން ބޯޑުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވަައިފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވެވި ސިޓީއެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 47000ރ. ކަނޑައަޅައިދިނުމަށެވެ. އެއީ މުސާރައިގެ ގޮތުގައި 32000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. ކަނޑައަޅައިދިނުމަށެވެ.
ބޯޑުގެ ނައިބު ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 35،500ރ. ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ. އެއީ މުސާރަ އަށް 20،500ރ. އާއި ލިވިން އެލަވަންސަށް 15،000ރ. އެވެ. އަދި ބޯޑުގެ ދެން ތިއްބަވާ ފަސް މެންބަރުންނަށް އެލަވަންސެއްގެ ގޮތުގައި 8000ރ. ދިނުމަށް ވެސް ރައީސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ޕްރައިވަޓައިޒް ކުރުމާއި ކޯ ޕްރައިވަޓައިޒް ކުރުމާ ބެހޭ ގާނޫނު އަށް ވަނަ މާއްދާގައި ބުނެފައި ވަނީ ބޯޑުގެ މެންބަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެ ބޯޑުގެ މެންބަރުންގެ މުއްދަތަކީ ހަތަރު އަހަރެވެ.
ބޯޑުގެ ރައީސާއި ނައިބު ރައީސް ފިޔަވައި ދެން ތިއްބަވާ ފަސް މެންބަރުނަކީ ފަސް ދާއިރާއަކުން އައްޔަން ކުރަންޖެހޭ މެންބަރުންނެވެ. އެއީ އެކަންޓިންގް އެންޑް ފައިނޭސްގެ ދާއިރާއާއި ބޭންކިންގެ ދާއިރާއާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އާއި ގާނޫނުގެ ދާއިރާގެ އިތުރުން އިކޮނަމިކްސްގެ ދާއިރާ އެވެ.
އެ ފަސް ދާއިރާތަކުން އައްޔަން ކުރާ ފަސް ބޭފުޅުންނަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް- ހަތެއްގެ ސަނަދު ހާސިލްކޮށް އެ ދާއިރާއަކުން މަދުވެގެން ތިން އަހަރުގެ ހޭދަކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.