19 May 2013, 13:26
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭ ޖުވާ ކުޅެން ތިބި ބިދެސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެރޭ މެންދަމު 1:50 ހާއިރު ހިތަދޫ ގެއެއްގެ ތެރޭ ޖުވާ ކުޅެން ތިބި ނުވަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާއިރު، ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހުން ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އެ ގެއަށް ދިޔައިރު އެމީހުން ޖުވާ ކުޅެން ތިބި ތަނުންނާއި އެގެ އިތުރަށް ބަލާ ފާސްކުރި ކުރުމުގެ ތެރޭ 2،500ރ. ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޖުވާ ކުޅެން ބޭނުން ކުރާ ބައެއް އާލާތްތައް ވެސް އެގޭ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިއަހަރުގެ ކުރީ ކޮޅު ވަނީ މާލޭގެއެއްގެ ތެރޭ ޖުވާ ކުޅެން ތިބި 21 ބިދޭސީއަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު ވަނީ އއ. ރަސްދޫގައި ޖުވާ ކުޅެން ތިބި ބަންގްލަދޭޝްގެ ފަސް މީހަކު ވެސް ގިނަ އަދަދެއްގެ ފައިސާ ތަކަކާއެކު ހައްޔަރު ކޮށްފަ އެވެ.