19 May 2013, 13:15
މިދިޔަ ހަފްތާގެ ބުދަ ދުވަހު އައްޑޫ ސިޓީގެ މަރަދޫގައި ހިނގަދިޔަ ހަމަނުޖެހުންތަކެއްގައި ޒުވާނުންތަކަކަށް ފުލުހުން އަނިޔާކުރި ކަަމަށް ބުނާ މައްސަލައެއް ބެލުމަށް ފުލުހުންގެ ޓީމެއް އައްޑޫއަށް ގޮސްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޒުވާނުންނަށް ފުލުހުންގެ އެސްއޯ ޓީމުން އަަނިޔާކޮށްފައިވާ މައްސަލަ ބެލުމަށް ފުލުހުންގެ "ޕްރޮޕެޝަނަލް ސްޓޭންޑަޑް ކޮމާންޑް" (ޕީއެސްސީ)ގެ ޓީމެއް އެ މައްސަލަ ތަހުގީގު ކުރުމަށް އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫގެ ޒުވާނުންތަކަކަށް އެސްއޯ ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އިއްޔެ އެރަށަށް ގޮސްފައިވާ ކަމަށެވެ.
މަރަދޫގެ އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ކަމަށް ބުނެ އެ ރަށުގެ ޒުވާނުންގެ އާއިލާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ އެ އާއިލާތަކާ ބައްދަލުކުރައްވައިފަ އެވެ.
އެކަމުގައި ފުލުހުން ހަރަކާތްތެރިވާން ޖެހޭނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ދެކެވަޑައިގެންނަވާ ކަމަށާއި ނަމަވެސް އެއްވެސް ކަމެއް ގާނޫނުން ބޭރުގައި ހިނގާފައިވާ ނަމަ އެކަމެއް އެނގޭނީ ބަލަންޖެހޭ ފަރާތްތަކުން ބެލުމުން ކަމަށް ވެސް މަރަދޫން ހައްޔަރުކުރި ޒުވާނުންގެ އާއިލާތަކާ ބައްދަލުކުރައްވާ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
މަރަދޫގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއްގެ ތެރޭގައި ހިނގައި ދިޔަ އެ ހަމަ ނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ އެ ރަށުން އަށް މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުން ހިމެނެ އެވެ. އެ މައްސަލައިގައި ހިމެނޭ އެކަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލަައިފަ އެވެ. އަނެއް ހަތް މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.