19 May 2013, 12:41
އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޔޫސުފް ހުސައިން ވިދާޅުވީ އަލީ ވަހީދުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވެސް އެކަށީގެންވާ ވަރަށް ވާހަކަދައްކާފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އަލީ ވަހީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދަށް އިތުރު ބަޔަކާ އެކު އެއްވެ އެ ދެ ބޭފުޅުން އިސްކޮށް ތިއްބަވައިގެން އެ ސަރަހައްދުގައި ހުރި ބެރިކޭޑުތައް އެއްފަރާތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް 2010 ވަނަ އަހަރު ދައުވާ ކުރުމަށް ފަހު އެހިނދަށް އެ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
އެ ދައުވާ އަނބުރާ ގެންދިޔައީ އެ ދުވަސްވަރު ސިވިލްސާވިސް ކޮމިޝަންގެ ތެރެއަށް ވަދެ އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުން ކަމަށްވާ މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީ ސައިޑް ހުސައިން އިލްހާމް ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެންގުމުން ފުލުހުން އެ މައްސަލަ ތަހުގީގުކޮށްފައި ނުވާތީ އެވެ. ނަމަވެސް އޭގެފަހުން އެ މައްސަލަ ތަހުގީގުކޮށް
ފުލުހުން އެ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން ވަނީ އެ ދެ މައްސަލަ ވެސް އެއް ދުވަހަކު ކޯޓަށް ހުށަހަޅާފަ އެވެ.
ދެވަނަ ފަހަރަށް ދައުވާ އުފުލުމުން ބޭއްވި ޝަރީއަތުގައި އަލީ ވަހީދުގެ ވަކީލު ވަނީ ދައުވާ އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ހަމަ އެ ދައުވާ ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެން ނުވާ ކަމަށް ބުނެ އިޖުރާއީ ނުކުތާ ނަންގަވާފަ އެވެ.
އެ އިޖުރާއީ ނުކުތާގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ޕީޖީ އޮފީހުން އެ ދައުވާ އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލައިގައި އެއްވެސްގޮތަކަށް ދައުވާ ނުކުރުމަށް ނިންމުމަށް ފަހުގައި ކަން އަލީ ވަހީދުގެ ފަރާތުން ސާބިތުކޮށްދީފައި ނުވާތީ އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ރޭގެ މުޒާހަރާގައި އަލީ ވަހީދާއި މަހުލޫފްގެ އިތުރުން ގެމަނަފުށީ ދައިރާގެ މެންބަރު އިލްހާމް އަހްމަދާއި އޭރު ޑީއާރްޕީގެ ނާއިބް ލީޑަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރުވެސް ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ނުކޮށް ހަމައެކަނި އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް ދައުވާ އުފުލުމުން ހަމަހަކޮށް އަމަލުކޮށްފައި ނުވާކަން ދޭހަވާކަމަށް ސުއޫދު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ވެސް އަލީ ވަހީދުގެ ފަރާތުން ވަނީ އެގޮތަށް ޝަރީއަތުގައި ވިދާޅުވެފަ އެވެ.
އޭގެ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ދައުވާ ކުރެވޭނީ ހެއްކާ ގަރީނާ ލިބިފައިވާ މީހުންގެ މައްޗަށް އެކަނި ކަމަށެވެ. އެގޮތުން ހެކިލިބިފައި ވަނީ އަލީ ވަހީދާއި މަހުލޫފްގެ މައްޗަށް އެކަނި ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު ވިދާޅުވީ މުލިއާގެ ކައިރީގައި މުޒާހަރާ ކުރުމާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެއީ އޮޑިޓާޖެރަލްގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅިގެން އޭނާ އަށް ބިރުދެއްކުމުގެ ގޮތުން އޭރު ފުލުހުން ކުރި ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ނާޝިދު ވިދާޅުވީ ފުރަތަމަ ފަހަރަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު ދައުވާ އަނބުރާ ގެންދިޔައީ ދައުވާ ނުކޮށް ދޫކޮށްލުމަށް ނޫންކަމަށް ދަށު ކޯޓުން ނިންމި އިޖުރާއީ ނިންމުމުގައި ވެސް ބުނެފައިވާނެ ކަމަށެވެ.
ނާޝިދު ވިދާޅުވީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަދައްކާފައިވާނެ ކަމަށާއި އެހެންކަމުން އެވާހަކަތައް ދެވަނަ ފަހަރަށް ތަކުރާރު ކުރަން ބޭނުން ނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލައާ ގުޅޭ ބައެއް ލިޔުންތަށް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގާފަ އެވެ.