19 May 2013, 12:29
ނޯޓިކަލް މޯލްޑިވްސްއިން ރާއްޖެއަށް އެތެރެކުރާ އެނާޖީ ޑްރިންކެއް ކަމަށްވާ "ޕަވާ ހޯސް" އިން ވޮލީބޯޅަ އެސޯސިއޭޝަންގެ ތިން މުބާރާތެއް މިއަދު ސްޕޮންސާ ކޮށްފި އެވެ.
އޮސްޓްރިއާގެ އުފެއްދުމެއް ކަމަށްވާ ޕަވާ ހޯސް އިން މިއަދު ސްޕޮންސާ ކުރި ވޮލީ ބޯޅައިގެ ތިން ތިން މުބާރާތަކީ ވޮލީ ބޯޅަ ނެޝަނަލް ލީގް ދެވަނަ ބުރާއި ގައުމީ ފިރިހެން ވޮލީ ބޯޅަ މުބާރާތް އަދި ގައުމީ އަންހެން ވޮލީ ބޯޅަ މުބާރާތެވެ.
މިތިން މުބާރާތް ސްޕޮންސާ ކުރުމަށް މިއަދު މެންދުރު ވޮލީ ބޯޅަ އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވޮލީ އެސޯސިއޭޝަންގެ ފަރާތުން އެ ސްޕޮންސާޝިޕް އެގްރިމަންޓުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒެވެ. އަދި ނޯޓިކަލް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރު މުހައްމަދު ނަޝީދެވެ.
ސޮއި ކުރި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުން ނޯޓިކަލް މޯލްޑިވްސްގެ މެނޭޖަރު ނަޝީދު ވިދާޅުވީ، ތިން މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ލިބުމުން ވޮލީ އެސޯސިއޭޝަނަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ގިނަ ގުނަ ކަންތައްތަކެއް ކޮށްދޭނެ ކަަމަށެވެ.
ވޮލީ އެސޯސިއޭޝަންގެ ރައީސް ރިޔާޒް ވިދާޅުވީ، ޕަވާ ހޯސް އިން އިސްނަގައިގެން ވޮލީ އެސޯސިއޭޝަންއާ ގުޅުމަށް ނިންމެވީތީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ވޮލީ އެސޯސިއޭޝަނުން އަބަދުވެސް ކުރާ އެއް މަސައްކަތަކީ ކުޅިވަރުގެ ތެރެއަށް ސްޕޮންސާޝިޕްގެ ދަށުން އާ ފަރާތްތައް ވެއްދުން ކަމަށާއި މިފަހަރު ލިބުނު ސްޕޮންސާޝިޕްގެ އެހީގެ ދަށުން އެތިން މުބާރާތް ކުރިއަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.