19 May 2013, 12:28
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތައް ހިންގުމުގައި އެލްޖީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކައުންސިލްތައް ހިންގުމުގެ އުސޫލެއް ގާއިމް ކުރެވިފައި ނެތުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޭއާއި ޔޫއެންޑީޕީ ގުޅިގެން ސިވިލް ސާވިސް ޓްރޭނިން އިންސްޓިޔުޓްގެ (ސީއެސްސީޓީއައި) ގެ މުވަޒަފުންނާއި އެލްޖީއޭގެ މުވައްޒަފުންނަށް އަމާޒް ކޮށްގެން "އިދާރީ ހިދުމަތް ދިނުމުގެ މިންގަނޑު އަދި ހިދުމަތް ލިބިގަތުމުގެ އުސޫލް"ތައް ދަސްކޮށްދިނުުމަށްޓަކައި މިއަދު ފެށި ވޯކްޝޮޕް އިފްތިތާހް ކުރުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނަރަލް އާދަމް ޝަރީފް އަހުމަދު ވިދާޅުވީ ކައުންސިލްތައް ހިންގުމުގެ އުސޫލެއް ގާއިމް ކުރެވިފައި ނެތުމުގެ ނަޓީޖާކަށް ވެގެންދިޔައީ ކައުންސިލްތައް އެއްފެންވަރެއްގައި އެއް ހަމައެއްގައި ހިންގުމަށާއި ހިދުމަތް ދިނުމުގައި ތަފާތުއެކި ދަތިތަކާއި ކުރިމަތިލާން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ އުސޫލުން އިދާރީދާއިރާތައް ހިންގުމުގައި އެލްޖީއޭއަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު މައްސަލައަކީ ކައުންސިލްތައް ހިންގުމުގެ އުސޫލްތަކެއް ނުވަތަ މެނުއަލް އެއް ލިޔެކިޔުމުން ގާއިމް ކުރެވިފައި ނެތުން. އޭގެ ސަބަބުން ކައިންސިލްތަކުންދޭ ހިދުމަތްތައް އެއް ފެންވަރެއްގައި އެއް ހަމައެއްގައި ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތައް ހިންގުމުގެ އުސޫލެއް ގާއިމް ކުރެވިފައި ނެތުމުން އެލްޖީއޭގެ މަގުސަދަކަށްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިންގުން ހަރުދަނާކަމާއިއެކު ހިންގުމަށްޓަކައި ގަވާއިދުތަކެއް ހެދުން ކަމަށެވެ. އަދި އޭގެ ދަށުން އެލްޖީއާއި ކައުންސިލްތައް އިދާރީ ގޮތުން ހިންގުމަށްޓަކައި ސްޓޭންޑެޑް ޕްރޮސީޖާ ތަކެއް ނުވަތަ ކަނޑައެޅުފައިވާ އުސޫލްތަކެއް ގާއިމް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މިއަދު ފެށި ވޯކްޝޮޕްގެ ސަބަބުން ސީއެސްޓީއައިގެ މުވަޒިފުންނަށް ސްޓޭންޑެޑް އޮޕަޜޭޓިން ޕްރޮސީޖަރު (އެސްއޯޕީއައި) ތައްޔާރު ކުރާނެ ގޮތް ދަސްކޮށް ދެވިގެންދާނެ ކަމަށެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒް ކުރާނެ ގޮތް ދަސްކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެއް ހަމައެއްގައި އެއް އުސޫލަކުން ހިދުމަތް ދިނުމުގެ މިންގަނޑު ކަނޑައަޅާނެ ގޮތް ވެސް ދަސްކޮށްދެވިގެންދާނެ ކަމަށް އެލްޖީއޭގެ ޑިރެކްޓަރު ޖެނަރަލް ވިދާޅުވި އެވެ.
އެލްޖީއޭގެ ފަރާތުން ސީއެސްޓިއައިގެ މުވަޒިފުންނަށް ހިންގާ މި ވޯކްޝޮޕަކީ ދެ ގުރޫޕަކަށް ބަހާލައިގެން ހަތަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ސީއެސްޓީއައި އާއި އެލްޖީއޭގެ ޖުމްލަ 30 މަވަޒިފުން ބައިވެރިވެ އެވެ.