19 May 2013, 12:06
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު އެކިއެކި ސެލިބްރިޓީން ރާއްޖެ ގެނައުމު މަސައްކަތް ހަވާލުކުރުމުގެ ގޮތުން ސިންގަޕޫރުގެ ސެލެބްރިޓީ އެމްބެސިޑަރަކާއި މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓުރީއިން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ރާއްޖެއަށް ސެލެބްރިޓީއިން ގެނައުމަށް ހަވާލުކުރުމުގެ ގޮތުން މަޝްވަރާކުރަމުންދާ ސިންގަޕޫރުގެ ސެލެބުރިޓީ އެމްބެސެޑަރަކީ އެކަމަށް ވަރަށް ގާބިލް ކުންފުއްޏެއް ކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން ތަފާތް ޕުރެޒެންޓޭޝަންތަކެއް ޓޫރިޒަމް މިނިސްޓުރީއަށް މިހާރު ހުށައަޅާފައިވާއިރު އެ މަސައްކަތް ހަވާލުކުރުމުގެ ގޮތުން މަޝްވަރާކުރަމުންދާ ކަމަށް މަލީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިދިދަނީ މަޝްވަރާކުރަމުން، އެގޮތުން ރާއްޖެއަށް އެންމެ އެކަށީގެންވާ ސެލެބުރިޓީއިންނާއި އެބޭފުޅުން ކަނޑައަޅާ އަގަކާއި، އެފަދަ ކަންތަކާއި މިދަނީ މަޝްވަރާކުރަމުން،" މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖެއަށް ސެލެބްރިޓީއިން ގެނައުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ބައެއް ކުޅިވަރު ޝަހުސިއްޔަތުތަކާއި ހޮލީވުޑްގެ މައްޝޫރު ފިލްމީ ބައެއް ތަރިން މި ދިޔަ އަހަރާއި މިއަހަރު ތެރޭގައި ވެސް އައިސްފައިވާ ކަމަށާއި މިހާރު ވެސް އެފަދަ ބައެއް މަޝްހޫރު ފަރާތްތައް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމަށް ޝައުގުވެރިކަން ފާޅޫކުރަމުންދާކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ (ޕަބްލިކް ރިލޭޝަން) ޕީއާރު ފާމްތައް މެދުވެރިކޮށް، ބޭރުގެ މައްޝޫރު ސެލެބްރިޓީން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ އިރު އެ މަސައްކަތުގެ ދަށުން މިހާތަނަށް އެފަދަ ބައެއް މަޝްހޫރު ތަރިން ރާއްޖެ މިހާރު ވެސް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ސެލެބްރިޓީއިން ރާއްޖެ ގެނެވޭނަމަ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުވެ ކުރިއަރާނެ ކަމަށް ވިދާޅުވި އެވެ.