އެމްޓީޑީސީއަކީ ރައްޔިތުންނަށް ޓޫރިޒަމްގެ ވިޔަފާރިން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ އެންމެ ބޮޑަށް ހުވަފެން ދެއްކި ކުންފުންޏެވެ. ޓޫރިޒަމް ވިޔަފާރި ކުރުމަށް ސަރުކާރުން އުފެއްދި ކުންފުނިން މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ނުބަހައި، ކުންފުންޏަށް ގެއްލުންވުމުން ހިއްސާދާރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

އެމްޓީޑީސީއަށް މިދިޔަ ދެތިން އަހަރަކީ އެހާ ފާގަތި ދެ އަހަރަކަށް ނުވި އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ކުންފުނިން ބުނަނީ އައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓުން ބޮޑު ގެއްލުމެއް ވަމުން ދިއުމެވެ.

"ހެރެތެރެއިން އަހަރަކު ދަނީ 10 މިލިއަން ޑޮލަރު ގެއްލުންވަމުން. އެހެންވެ އެތަން ވިއްކާލަން އިއުލާންކުރީ ވެސް. އެކަމަކު ރިސޯޓު ވިއްކާލަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ބޯޑުން ވަނީ ދޫކޮށްލާފައި. އަޅުގަނޑުމެން އެތަން އަމިއްލައަށް ހިންގަން ބަލާއިރު ބޮޑު ހަރަދެއް ކުރަން ޖެހޭތީ ވިއްކާލަން ނިންމީ،" އެމްޓީޑިސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވި އެވެ.

އެމްޓީޑީސީއަށް ދިމާވެފައިވާ އެންމެ ބޮޑު ބޮލު ރިހުމަކީ ހެރެތެރެ އެވެ. އެ ރިސޯޓުން ކުންފުންޏަށް ފައިދާއެއް ނުލިބި ގެއްލުންވަމުންދާތީ އެތަން ދޫކޮށްލަން ވަނީ އެކި ފަހަރު މަތިން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

"އަޅުގަނޑުމެން އެތަން ވިއްކާލަން ވަރަށް ގިނަ މަސައްކަތްކޮށްފިން. އެންމެފަހުން އެއީ ވަކި ކުންފުންޏެއްގެ ދަށުން ހިންގާ ރިސޯޓަކަށް ހެދުމަށް ސަބްސިޑިއަރީ ކުންފުންޏެއް ވަނީ ހަދަން ނިންމާފައި. ނަމަވެސް އެކަން ނުނިމި ލަސްވަނީ ފިނޭންސްގެ ތެރެއިން އެކަމަށް ޖަވާބެއް ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ހެރެތެރެ ރިސޯޓުގެ ސަބަބުން ކުންފުންޏަށް ވަމުންދާ ގެއްލުމުން ސަލާމަތްކުރެވެން އޮތީ ވަކި ކުންފުންޏެއް ހަދައިގެންނެވެ. އޭގެ ސަބަބުން ކުންފުންޏާ މެދު ހިއްސާދާރުންގެ އިތުރުބާރު ބޮޑުވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންނަށް ހެރެތެރެ ގަންނާނެ އިންވެސްޓަރުން ލިބިފައި އެބަތިބި. ވަކި ކުންފުންޏެއް ހަދައި ފިނަމަ އިންވެސްޓަރުންނަށް އިތުރު ޔަގީންކަމެއް ލިބޭނެ. އަދި ކުންފުންޏަށް ވެސް ފައިދާއެއް ލިބެން އޮތީ ހެތެރެ ވިއްކާލައިގެން. އެއީ އަޅުގަނޑުމެންނަށް ގެންގުޅެވޭވަރުގެ ތަނެއް ނޫން،" މަތީން ވިދާޅުވި އެވެ.

މެނޭޖިން ޑިރެކްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި އެމްޓީޑީސީއާ މެދު ހިއްސާދާރުން މާޔޫސްވާކަށް އަދި ނުޖެހެ އެވެ. ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ރީސްޓަރަކްޗާ ކޮށް ކުންފުނި އަލުން ކޮޅަށް ޖަހަން އޭނާ ވަނީ މަސައްކަތް ފަށައިފަ އެވެ.

"ކުންފުނި ރީ ސްޓަރަކްޗާ ކުރަން ފެށީ މިދިޔަ ނޮވެމްބަރުގައި. މިގޮތަށް ކުންފުނި ރީސްޓަރަކްޗާ ކޮށް ނިމުމުން ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުވާނެ. އޭރުން ހެރެތެރެ ރިސޯޓުގެ އިތުރުން އުލިގަމު ވެސް ވަކިވެގެންދާނެ،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މިދިޔަ އަހަރު ކުންފުންޏަށް ބޮޑު ގެއްލުމެއް ދިމާވި މައިގަނޑު ސަބަބަކީ ވެސް ހެރެތެރެ ރިސޯޓުން ގެއްލުންވަމުން ދިއުމެވެ. އަދި އޭގެ އިތުރުން އުލިގަމުގައި ހަދަން ފެށި ސިޓީ ހޮޓަލަކީ ވެސް ކުންފުންޏަށް ދިމާވެފައިވާ އިތުރު ރިހުމެކެވެ.

"އަޅުގަނޑުމެންނަށް މިދިޔަ އަހަރު ގެއްލުންވަމުން ދިޔަ ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ބޮޑު ފައިދާއެއް ލިބިފައި. އެހެންވެ މިހާރު ވެސް ހެރެތެރެ ވިއްކާލެވިއްޖެ ނަމަ މިއަހަރު ކުންފުންޏަށް ގެއްލުމެއް ނުލިބި ސަލާމަތްވެވިދާނެ. އެކަން ކުރުން އަވަސްކުރަންވީ،" އޭނާ ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރަކީ ކުންފުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރެވެ. މިދިޔަ އަހަރު ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުންވިއިރު، އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20 މިލިއަން ޑޮލަރު(3 ބިލިއަން ރުފިޔާ) އެވެ. އެއީ 2011 ވަނަ އަހަރު ލިބުނު އާންމުދަނީއަށް ވުރެ 17 ޕަސެންޓްގެ ދަށް އަދަދެކެވެ. އަދި ޖުމުލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު (82 މިލިއަން ރުފިޔާ) ލިބިފައިވާއިރު އެއީ 2011 ވަނަ އަހަރު ލިބުނު މިންވަރަށް ވުރެ 36 ޕަސެންޓްގެ ދަށް އަދަދެކެވެ.

އެމްޓީޑީސީ އަށް ހަތް މިލިއަން ޑޮލަރު ސާފު ގެއްލުމެއް ވެފައިވާ އިރު 2011 ވަނަ އަހަރު ސާފު ގެއްލުމުގެ ގޮތުގައި ވެފައި ވަނީ 965 ހާސް ޑޮލަރެވެ. އެހެންކަމުން ސާފު ގެއްލުންވި މިންވަރު މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 626 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އޮޕަރޭޓިން ސެގްމެންޓަށް ބަލާ އިރު ރިސޯޓް ހިންގައިގެން އެ ކުންފުންޏަށް ވަނީ 10 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ. އަދި ރަށްތައް ކުއްޔަށް ދީގެން ތިން މިލިއަން ޑޮލަރުގެ ފައިދާއެއް އެ ކުންފުންޏަށް މިދިޔަ އަހަރު ވެފައިވެ އެވެ.

އެމްޓީޑީސީގެ ހިއްސާދާރުންގެ ހިތަށް ލިބިފައިވާ މާޔޫސްކަން ހައްލުކުރަން ކުންފުންޏަށް މިދިޔަ ދެ އަހަރު އެކަށީގެންވާ މަސައްކަތެއް ނުކުރެވޭތީ ކަމަށް ދަނީ ބުނަމުންނެވެ. އަދި ކުންފުންޏަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ސަބަބުން ކަމަށް ވެސް ހިއްސާދާރުން ދެކެ އެވެ.

"ކުންފުނިން އެންމެ ފަހުން ހިއްސާ ވިއްކިއިރު ދެއްކި ވާހަކަތަކާ ދިމަލެއް ނުވޭ. އަޅުގަނޑު ވެސް އެ ފަހަރު ހިއްސާ ގަތީ ވަރަށް ފޮނި އުއްމީދާއެކު. ނަމަވެސް އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައި. މިހެން މިވީ ކުުންފުނީގެ ވެރިން އިހުމާލުވުމުގެ ސަބަބުން،" އެމްޓީޑީސީގެ ހިއްސާދާރަކު ބުންޏެވެ.

އެމްޓީޑީސީއަށް މިދިޔަ ދެ އަހަރު ބޮޑު ގެއްލުމެއް ވާން ޖެހުނު މައިގަނޑު ސަބަބަކީ ހެރެތެރެ ރިސޯޓާއި އުލިގަމުގެ މައްސަލަ އެވެ. އެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދަނީ ކުންފުނީގެ ބޯޑުން ދޭން ޖެހޭ ސަމާލުކަން ނުދިނުމުން ކަން ފެންނަން އެބައޮތެވެ.