19 May 2013, 10:48
މިދިޔަ ހަފުތާއަކީ މިއަހަރު ތެރޭގައި މާލޭގެ ބާޒާރަށް އެންމެ ގިނަ އަދަދަކަށް އަނބު ގެނައި ދުވަސްކޮޅަށް ވާނެ އެވެ. ކުރީގެ ލޯކަލް މާރުކޭޓުގެ ކުރިމަތިން ތޮށިގަނޑާވީ ފަޅީގެ ދުވާރުމަތިން ފެށިގެން މަސްމާރުކޭޓާ ހަމައަށް އަނބު ވިޔަފާރީގެ އަށިގަނޑުތައް އަތުރާލާފައި އޮވެ އެވެ. އަދި ކޮންމެ އަށިގަނޑެއްގެ މަތީ ފުރެންދެން އަނބު އަތުރާލާފައި އޮތް އިރު، ކޮންމެ އަށިގަނޑެއްގެ ކައިރީ ފުރެންދެން އަނބު އަޅާފައި ހުންނަ ވަށިގަނޑުތައް ވެސް ބަހައްޓާފައި ހުރެ އެވެ.
ފުޅާ ދާއިރާއެއްގައި އަނބުގެ ވިޔަފާރި ކުރާ ފުވައްމުލަކު ދަނޑުވެރިޔަކު ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އަދި މޫސުން ގޯސް ވުމުގެ ސަބަބުން އަނބު މާލެ ގެނައުމުގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ވިއްސާރައިގައި ޖެހި އަނބު ގަސްތަކުން ފޭބި އަނބުތައް ބިންމަތިވެ މަގުތަކުގައި ފުނިޖެހިފައި ހުރި ކަމަށް އޭނާ ބުންޏެވެ.
ހުސްވި ހަފްތާގައި ބާޒާރުގައި އަނބު ތިޔާގިވެ އަގުތަކަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނާންނައިރު، މިހާރު އަނެއްކާ ވެސް ރީތި ދޮން އަނބުގެ އަގުތަށް 5 ރުފިޔާއާއި 10 ރުފިޔާއާއަށް ވަނީ އުފުލެން ފަށާފަ އެވެ. އަދި ހުތް އަނބެއް ލިބެނީ 10 ރުފިޔާއަށް 12 ރުފިޔާއަށެވެ. ނަމަވެސް ބާޒާރުގައި އަނބެެއް މަދެއްނުވެ އެވެ.
ފުވައްމުލަކުން ރުފިޔާއަކަށް ދެ އަނބު ގަންނަން ލިބުނު ނަމަވެސް، މާލޭ ބިމުގައި އަނބު ޖެހޭ ހިސާބުން އަގުތަައް ދަނީ އިންތިހާއަށް އުފުލިގެންނެވެ.
މާލޭ ބާޒާރުގައި އިއްޔެ އަނބު ވިއްކަން ތިބި ސަރަހައްދުގެ ދުވާރުކައިރީގައި ކުނިވެގެން އުކާލަން ވެސް ބައިވަރު އަނބުތައް ބަހައްޓާފަައި ހުއްޓެވެ. އަދި އެއްބައި އަނބު ވަށިގަނޑު ތަކުގައި ގިނަ އަދަދަކަށް ފީވާން ކައިރިވެފައި ހުރި އަނބުތައް ވެސް ހުއްޓެވެ. އެކަމަކުވެސް އަނބު ވިއްކާ ފަރާތްތަކުން ބުނީ ދެން މިފަހަރު އަނބުގެ އަގު ހެޔޮ ނުވާނެ ކަމަށާއި މިހާރު ފުވައްމުލަކުގައި ވެސް ދޮން އަނބު ހުސްވެ "ރޯ އަނބަށް" ވެފައިވާ ކަމަށެވެ.
އިގްތިސާދީ މާހިރުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވައި މުދަލުގެ އަގުތައް އަތްފޯރާ ފަށަށް ގެންނަން ބޭނުން ނަމަ، ރާއްޖޭގެ އުފެއްދުންތެރިކަން ހަރުދަނާކޮށް އިމްޕޯޓު މުދަލަށް ބަރޯސާ ވުމުގެ ބަދަލުގައި އުފެއްދުންތެރިކަން އިތުރުކޮށްގެން، ބޭރުން އެ ގެންނަ އަދަދު މަދު ކުރުމަށް މަސައްކަތްތަކެއް ކުރަން އެބަ ޖެހެ އެވެ. އަދި ގިނަ ބާވަތްތަކެއްގެ އުފެއްދުން ބާޒާރަށް ނެރެވިއްޖެ ނަމަ އަގުތަކަށް ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމާމެދު ޝައްކެއް ވެސް ނެތެވެ.
ފުވައްމުލަކުގަައި ހައްދާ އަނބުގެ އަގު ބޮޑުވެފައި ވަނީ މޫސުމުގެ ސަބަބުން އެ ރަށާއި މާލެއާ ދެމެދު ދަތުރުފަތުރުކުރުމަށް ދިމާވި ހުރަސްތަކެއްގެ ސަބަބުންނެވެ. އެހެންވެ އެ ރަށުގެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.